އެލްކްލެސިކޯގެ ދިގު ތާރިހުގައި ސަޕޯޓަރުން ނުވައްދައި ކުޅުނު ފުރަތަމަ މެޗް ބާސެލޯނާގެ ދަނޑުގައި 3-1 އިން މޮޅުވެ ރެއާލް މެޑްރިޑް، އެންމެފަހުން ކުޅުނު ދެމެޗުން ބަލިވުމުގެ ހިތްދަތިކަން ފިލުވާލައި ހަމަޖެހިލައިފިއެވެ.
ބާސެލޯނާގެ ނޯކޭމްޕުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ރެއާލް މެޑްރިޑުންނެވެ. މިލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި މިޑްފީލްޑަރު ވަލްވާޑޭއެވެ. މިއީ ސާޖިއޯ ބުސްކެޓަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ތަޖުރިބާކާރު ފޯވާޑް ކަރީމް ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބު ކުރި ލަނޑެކެވެ. ލީޑުގައި ރެއާލްއަށް އޮވެވުނީ އެންމެ ތިން މިނެޓުއެވެ. ބާސެލޯނާއަށް އެއްވަރު ކޮށްދިނީ ރެއާލްގެ ގޯލު ކުރިމައްޗަށް ޖޯޑީ އަލްބާ ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ޒުވާން ފޯވާޑް އަންސޫ ފާޓީއެވެ.
މިއީ އެލްކްލެސިކޯގެ ތާރިހުގައި ފާޓީ (ފޮޓޯ) ކާމިޔާބު ކުރި ލަނޑެވެ. މިލަނޑާއެކު އޭނާ ވެފައިވަނީ 21 ޤަރުނުގައި އެލްކްލެސިކޯ މެޗެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާ ކަމުގައެވެ.
ދެވަނަ ހާފް ފަށައިގެން ބާސެލޯނާއިން މަޑުމަޑުން މެޗް ކޮންޓްރޯލްކޮށް ނުރައްކާތެރި ދެހަމަލާއެއް ރެއާލްގެ ގޯލަށް އަމާޒުކޮށް ފޮނުވާލިއެވެ. މިގޮތުން މެސީ ތަނަވަސްކޮށްދިން ފުރުސަތަކުން ފާޓީ ފޮނުވާލި ހަމަލާ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. އޭގެފަހުން ފާޓީ ނަގައިދިން ހުރަހެއް ހުހަށްހުރެ ފިލިޕް ކޯޓީނިއޯ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. ދެން ފެނިގެންދިޔައީ ރެއާލްއިން އުފެއްދި ހަމަލާއެއްގައި ރެއާލްއަށް ރެފްރީ ޕެނަލްޓީއެއް ދިން މަންޒަރެވެ. މިއީ ބާސާގެ އޭރިޔާގެ ބޭރުން ރެއާލްއަށް ލިބުނު ހިލޭ ޖެހުމެއް ބާސާގެ އެރިޔާގެ ތެރެއަށް ހުރަސްކުރި ވަގުތު ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޮސް ބޮލުން ޖަހަން އުޅުމުގެ ތެރޭގައި އޭނާއަށް ބާސާގެ ލެންގްލެޓް ފައުލް ކުރިކަމަށް ބަލައި ރެފްރީ ދިން ޕެނަލްޓީއެކެވެ. މިޕެނަލްޓީ ކާމިޔާބުކޮށް ރެއާލްއަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިނީ ރާމޮސްއެވެ. މިއީ އެލްކްލެސީކޯގައި ރާމޮސް ކާމިޔާބު ކުރި 5 ލަނޑެވެ. އެލްކްލެސިކޯގައި މިއަދަށް ލަނޑު ޖަހާފައިވާ އަނެއް ޑިފެންޑަރަކީ ބާސާގެ މިހާރުގެ ކޯޗް އަދި ކުރީގެ ހުނަރުވެރި ޑިފެންޑަރު ރޮނާލްޑް ކޫމަންއެވެ. ނަތީޖާ ހަމަހަމަ ކުރުމަށްޓަކައި ކޫމަން ގެނައި ޓެކްޓިކަލް ބަދަލުތަކުގެ ފައިދާ ނުނެގި އުޅެނިކޮށް ރެއާލްއަށް ލީޑް ފުޅާކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.
މިސީޒަން ފެށުމުގެ ކުރިން ބާސާ ދޫކޮށްލާނެކަމަށް ބެލެވުނު ކެޕްޓަން ލިއޮނަލް މެސީގެ ފަރާތުން ރަނގަޅު ހަމަލާތަކެއް އުފައްދަން މަސައްކަތް ކުރިތަން ފެނިގެންދިޔަ ނަމަވެސް ރެއާލްގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް މެސީއަށް ފޮނުވާލެވިފައެއް ނުވެއެވެ. މިއީ ޖެހިޖެހިގެން މެސީއަށް ލަނޑު ނުޖެހުނު 6 ވަނަ އެލްކްލެސިކޯ މެޗުކަންވެސް ފާހަގަ ކޮށްލެވެއެވެ.
މިނަތީޖާއާއެކު އެލްކްލެސިކޯގެ ތިލަފަތް ރެއާލް ކޮޅަށް އަނެއްކާވެސް ބުރަވީއެވެ. ރެއާލް 97 މެޗުން މޮޅުވެފައިވާއިރު ބާސާ މޮޅުވެފައިވަނީ 96 މެޗުންނެވެ. މީގެ އިތުރުން ފާހަގަކޮށްލެވޭ އަނެއްކަމަކީ ރެއާލްގެ މިހާރުގެ ކޯޗް އަދި ކުރީގެ ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ބާސާ އަތުން ބާސާގެ ދަނޑުގައި ރެއާލް ބަލިވެފައި ނުވާކަމެވެ.
މިރޭގެ ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި ރެއާލް އޮތީ 13 ޕޮއިންޓާއި ފައިދާ 5 ލަނޑާއެކުއެވެ. އެކަމަކު އެއީ ކާޑިޒް އާއި ގެޓާފޭ އަދި އެލްޗޭ އަށްވުރެ އިތުރަށް އެއްމެޗް ކުޅެގެންނެވެ. މިއިން ކޮންމެ ޓީމަކަށް މިހާތަނަށް 10 ޕޮއިންޓު ލިބިފައިވާއިރު ފައިދާ ލަނޑުގެ ތަފާތަކުން ރެއާލްއަށް ވުރެ ކުރި ހޯދުމުގެ ފުރުސަތު މިތިން ޓީމަށް އެބައޮތެވެ. ތާވަލުގެ އެއްވަނަ ހޯދުމުގެ އަމިއްލަ ބާރު މިހާރު އޮތީ ރެއާލްއަށް ވުރެ މަދުން 2 މެޗް އަދި ގެޓާފޭ އާއި އެލްޗޭ އަދި ކާޑިޒަށްވުރެ މަދުން އެއްމެޗް ކުޅެފައިވާ އެތުލެޓިކޯ މެޑްރިޑަށެވެ. އެއީ އެޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ލިބިފައިވާތީއެވެ. ކުރިއަށް އޮތް ދެމެޗް ކާމިޔާބުކޮށް 14 ޕޮއިންޓް ހޯދުމުގެ ފުރުސަތު އެޓީމަށް އޮތީ ހުޅުވިފައެވެ. ކްލަބުގެ ބޯޑުގެ ހިންގުން ދޯދިޔާވުމުގެ ސަބަބުން މައްސަލަތަކެއްގެ ތެރޭގައި އޮތް ބާސާ އޮތީ މިހާތަނަށް ކުޅުނު 4 މެޗުން ލިބުނު 7 ޕޮއިންޓާއެކު ތާވަލުގެ 12 ވަނައިގައެވެ.