މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައަކާއި ގުޅިގެން ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގާ، އާންމުކޮށް އިއުލާން ކޮށްފިއެވެ.

ތަހުގީގަށް ހާޒިރުވުމަށް އަންގާފައި ވަނީ ގަސްފިނޮޅު/ކ. ކާށިދޫ (31އ)، މުހައްމަދު އުނައިސް އެވެ.

އުނައިސް ފުލުހަށް ހާޒިރު ކުރަން އިއުލާން ކުރީ މަކަރާއި ހީލަތުން މީހެއްގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ. މި އިއުލާން ކޮށްފައި ވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އޭނާ ހާޒިރުކުރަން ބޭނުން ވަނީ މީހަކަށް ފޯނުން ގުޅައި މަކަރާއި ހީލަތުން 150،000ރ (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) ހޯދާފައިވާ މައްސަލައެއްގެ ތަހުގީގަށެވެ. އޭނާ ހާޒިރު ވާން ޖެހެނީ ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ ކުރިން ތ. ގުރައިދޫ ޕޮލިސް ސްޓޭޝަން ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށެވެ.

މީގެ އިތުރުން ފުލުހުން ވަނީ އުނައިސްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ތ. ގުރައިދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9800113 އަށް ގުޅައި ހިއްސާކުރުަމަށް އެދިފައެވެ.