ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އަދީބު ނިދަން ޖެހެނީ ވަކި ޚާއްޞަ މެޝިނެއް އެހީގައިކަމަށްވާތީ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އިމްރާން މިހެން ވިދާޅުވީ ޕީއެސްއެމްގެ ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި އެހުންތެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ސާބިތުވެ 20 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާއިރު ކޯޓުގެ ހުއްދައާއިއެކު އޭނާގެ ބަލި ހާލަތު ހުރިގޮތުން މިމަހުގެ 3 ވަނަ ދުވަހު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ.
ޕީއެސްއެމްގެ ޕްރޮގްރާމްގައި އެހުންތެރިއަކުވަނީ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ޖަލުގެ ބަދަލުގައި ގޭގައި ހުރުމަށް ފުރުޞަތު ދެއްވާފައި ވަނީ ކޮން އުސޫލަކުންތޯ މިނިސްޓަރަށް ސުވާލު ދަންނަވާފައެވެ. މި ސުވާލަށް ޖަވާބުދެއްވަމުން ހޯމްމިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ، އަޙްމަދު އަދީބު ނިދުމުގައި މައްސަލަތަކެއް ހުންނަކަމަށާއި އަދީބު ނިދުމުގައި ވަކި ޚާއްސަ މެޝިނެއް ބޭނުންކުރަންޖެހޭ ކަމަށާއި، އެމެޝިނަކީ ޖަލުގައި ބޭނުން ކުރެވޭނެ މެޝިނަކަށް ނުވާތީ އެކަމަށް ރިޔާޢަތްކޮށް އަދީބު ގެއަށް ބަދަލުކޮށްފައިވާކަމަށެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެޑައިގެންފައެވެ. އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި ބުނެފައެވެ.