ޖަޕާން ސަރުކާރުން އޯޓިޒަމް އެސޯސިއޭޝަނަށް 6 ލައްކަ ރުފިޔާގެ ތަކެތި ހަދިޔާކޮށްފި އެވެ.

ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަނުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖަޕާނު ސަރުކާރުން އެ އެސޯސިއޭޝަނަށް ވަނީ ގާތްގަޑަކަށް 41،133 ޑޮލަރު (634،270 ރުފިޔާ) ގެ ތަކެތި ހަދިޔާ ކޮށްފަ އެވެ.

މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ވިޝަން ސްކްރީނަކާއި ހިއަރިންގ ސްކްރީނެވެ. އެ ސާމާނު ހަދިޔާކޮށްދެއްވީ ރާއްޖޭގައި ހުންނަވާ ޖަޕާނުގެ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާން އެމްބަސީން ބުނީ މި ސާމާނު ބޭނުންކުރުމުގެ ޚާއްސަ ތަމްރީނު ވެސް އޯޓިޒަމް އެސޯސިއޭޝަނުގެ މުވައްޒަފުންނަށް ދީފައިވާ ކަމަށެވެ.

މި ސާމާނަކީ ޖަޕާނުގެ ސަފީރާއި އޯޓިޒަމް އެސޯސިއޭޝަންގެ ޗީފް އެގްޒެކްޓިވް އޮފިސަރު ޑރ. އިސްމާއިލް ޝަފީއު އާ ދެ ބޭފުޅުން ޑިސެމްބަރު 12، 2019 ގައި ސޮއިކުރައްވާފައިވާ ހިލޭ އެހީގެ އެއްބަސްވުމެއްގެ ދަށުން ހަދިޔާ ކުރި ތަކެއްޗެވެ.

1996 އިން ފެށިގެން ޖަޕާނުން އަންނަނީ ތައުލީމާއި ތިމާވެށި އަދި ސިއްހީ ދާއިރާ އާއި ދަތުރުފަތުރާ ގުޅޭ ދާއިރާތަކުން އެކި ގޮތްގޮތުން ރާއްޖެއަށް އެހީ ފޯރުކޮށްދެމުން ނެވެ.