ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލައާ ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ދައްކަވާ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އިމްރާނަށް ރައްދު ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްްރާމްގައި އެ ކޭސް އާ ބެހޭގޮތުން އިމްރާން ދެއްކެވި ވާހަކަތަކާ ގުޅިގެން، އިދިކޮޅު ހަރަކާތާ ގުޅިވަޑައިގެން އުޅުއްވާ ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގާނޫނުލްއުގޫބާތުގައި ކުށެއް ކަމަށް ކަނޑައަޅާފައިވާ ކޮންމެ ކަމެއް ތަހުގީގުކޮށް، ހަމަހަމަކޮށް ދައުވާކުރަންޖެހޭނެ ކަމަށެވެ.

ވަކި ބަޔަކު ކުރީމާ ކުށަކަށް ނުވާ އުސޫލު ނޯންނަ ކަމަށާއި، ބޮޑުންގެ ވާހަކަތަކުން ޖިންސީ ފުރައްސާރަ އާއި ގޯނާ އަށް ހިތްވަރުލިބޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ގިނަ ބަޔަކަށް ރައްކާތެރިކަން ގެއްލިއްޖެ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

ސަފާރީކޭހާބެހޭގޮތުން އިމްރާން ވިދާޅުވީ، ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ އެެ މައްސަލައަކީ އަޑު ފެތުރުނު މިންވަރުގެ މައްސަލައެއް ނޫން ކަމަށެވެ.

ސަފާރީގައި ހިނގީ "އާންމުންގެ ތެރޭގައި ހުރެ ވެސް މީހަކު ކޮށްފާނެ ކަހަލަ ކަމެއް" ކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި އެ ހާދިސާ މާ ބޮޑު ކަމަކަށް ވީ އެކަން ރިޕޯޓްކުރި ގޮތުންނެވެ. އެކަމަކު އެހާ ބޮޑުކޮށްލައިގެން ދެއްކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވި އެވެ.

"ބޮޑު ރޭޕް ކޭސްއެއް އެއަކު ނެތް. މިއީ ހަގީގަތަކީ،" އިމްރާން ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ މައްސަލަ ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރި ގޮތުގައި އުސޫލީ މައްސަލަތަކެއް ހުރެދާނެ ކަަމަށެވެ.

ކެންޔާ އަންހެންމީހާއާ ޖިންސީ ގޯނާކުރުމުގައި، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީ މެމްބަރެއްގެ ފިރިމިހާ ބައިވެރިވިކަމުގެ ތުހުމަތު އޭރު ކުރި އެވެ. އަދި މައްސަލަ އޮއްބާލަން ފުލުހުން މަސައްކަތްކުރީ ވެސް، ސިޔާސީ ނުފޫޒުގައި ކަމަށް ވެސް، އަޑު ފެތުރުނެވެ.

އެ އަންހެންމީހާއާ ބެހެން އުޅުމުން ސަފާރީން ފުންމާލީ އެވެ. މޫދުން އޭނާ ނަގައިގަނެގެން ހުޅުމާލޭ ޖެޓީއާ ހަމައަށް ގެންދިޔައީ ވެސް، އަންހެންމީހާއާ ޖިންސީ ގޯނާކުރަން އުޅުނު މީހުންނެވެ. ދަންވަރު އެ ގަޑީގައި ޖެޓީ މަތީގައި އެމީހުން ތިއްބާ، ހުޅުމާލޭގެ ޕެޓްރޯލްކުރަން އުޅުނު ފުލުހުންގެ ބަޔަކު ގޮސް ސުވާލުކޮށް، އަންހެންމީހާ ދެއްކި ވާހަކަތަކާ ގުޅިގެން ދެ ފިރިހެނުން ވެސް ހުޅުމާލޭ ފުލުހަށް ގެންދިޔަ އެވެ. އެކަމަކު ހައްޔަރުނުކޮށް އެ މީހުން ދޫކޮށްލީ އެވެ.