މީހުން ދިރުއުޅޭ ރަށްރަށުގައި ފަތުރުވެރިން ތިބޭ ތަންތަން ބަލައި ޗެކްކުރުމަށް އިންސްޕެކްޝަނެއް ފަށައިފިއެވެ.

ފުލުހުން ބުނީ މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަނަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ފުލުހުންނާއި މޯލްޑިވްސް އިމިގްރޭޝަނާއި ޓޫރިޒަމް މިނިސްޓްރީ އާއި އިކޮނޮމިކް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގުޅިގެން ކުރިއަށް ގެންދާ އިންސްޕެކްޝަނެއް ކަމަށެވެ.

މި އިންސްޕެކްޝަންގައި ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިން މާލެ އާއި މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ޗުއްޓީ ހޭދަކުރުމާ ގުޅޭގޮތުން އެޗްޕީއޭއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުރަމުންދޭތޯ އާއި އިތުރަށް ބަލަންޖެހޭ ކަންކަން ބަލައި، އުސޫލާ ހިލާފުވާ ފަރާތްތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފަތުރުވެރިން ތިބޭ ތަންތަނުގެ ފުލުހުން އިންސްޕެކްޝަނެއް ފަށާފައިވާ އިރު، މީހުން ދިރުއުޅޭ ބައެއް ގޭގޭގައިވެސް ޓްރާންސިޓް ބޭނުމަށް އަންނަ ފަތުރުވެރިން ބައިތިއްބާ މައްސަލަ އާއި އޮޅުވާލައިގެން ނުބައި ބުކިންއެއްގައި ރާއްޖެއަށް ފަތުރުވެރިން ގެނެސް ފަތުރުވެރިންގެ މަގުމަތިކުރުމުގެ މައްސަލަތައް މިފަހުން ވަނީ ފެންމަތިވެފައެވެ.