ރައީސް ޔާމީން ރާއްޖެއިން ބޭރުން ހައްދަވަންޖެހޭ ޓެސްޓެއް ހެދުމަށް ބޭރަށް ދިއުމަށް ފުރުޞަތު ދެއްވި ނަމަވެސް ރައީސް ޔާމިން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން ޕްރޮގްރާމެއްގައި އެހުންތެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ރައީސް ޔާމިން ރާއްޖެއިން ބޭރުން ޓެސްޓެއް ހެދުމަށް ޑޮކްޓަރު ލިޔުން ދެއްވާފައިވާ ކަމަށެވެ. އަދި ޚުދު މިނިސްޓަރ އިމްރާން ރައީސް ޔާމީނާއި ބައްދަލުކުރައްވައި، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ބޭނުންފުޅު ޤައުމަކަށް މިސަރަހައްދުން ވަޑައިގަތުމަށްވެސް ފުރުޞަތު ދެއްވިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީން ރާއްޖެއިން ބޭރަށް ޓެސްޓް ހެއްދެވުމަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާކަމަށާއި، އެމަނިކުފާނު ބޭނުންފުޅުވަނީ ގެކޮޅަށް ބަދަލުވާންކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ރައީސް ޔާމިން ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ.
ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ހުންނެވި ތަނަކީ ރަނގަޅު ފެންވަރުގެ ގިނަ ޚިދުމަތްތަކެއް ލިބިވަޑައިގަންނަވާނެ ތަނެއްކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރ އިމްރާން ވިދާޅުވީ ރައީސް ޔާމީން ބޭރަށް ވަޑައިގަތުމަށްފަހު ޓެސްޓް ހެއްދެވުމަށްފަހު ޖަލުގައި ބެހެއްޓުން ރަނގަޅު ނޫން ކަމަށް ޑޮކްޓަރުން ލަފާ ދެއްވައިފިނަމަ އެގޮތަށް އަމަލުކުރައްވާނެކަމަށެވެ.