ޙަސަން ފަރީދު ކަނޑުމަތީގައި ގެއްލުނު ހާދިސާއަކީ ވަރަށް މަޝްހޫރު ވާހަކައެކެވެ. އޭނާއަށް އެންމެފަހުން ވަޑައިގެންނެވުނު ރާއްޖޭގެ ރަށަކީ ކޮޅުމަޑުލު ވަންބަދިއެވެ. އެއީ ހިރިލަންދޫއާއި އޮމަދޫއާއި ދޭތެރޭގައި އޮންނަ ފަޅުރަށެކެވެ. ޙަސަން ފަރީދު އެރަށައް ވަޑައި ގެންނެވީ އެ ރަށުގެ ގޮނޑުދޮށުގައި ބޮމެއް ގޮވިތަން ބައްލަވާލެއްވުމަށެވެ. ފޮޓޯއިން ފެންނަ ބީޗްކައިރީގައި މިހާރުވެސް ބޮން ގޮވި ވަޅުގަނޑު ފާހަގަ ކުރެވެން އެބަހުއްޓެވެ.
ހަސަން ފަރީދުގެ އެ ދަތުރުފުޅަކީ ރާއްޖޭގައި ކާޑުގެ ހާލަތު ހުރި ގޮތާއި ކާޑު ބެހުމުގެ އިންތިޒާމް ހުރިގޮތް ދިރާސާ ކުރެއްވުމަށް އިނގިރޭސީންނާ ގުޅިގެން ކުރެއްވި ދަތުރެކެވެ. އެބޭފުޅާގެ އަރިހުގައި ފްލައިޓް ލެފްޓެނަންޓް ވޯކަރު ވެސް ވަޑައިގަތެވެ. އެ ބޭފުޅުން ދަތުރުކުރެއްވީ އިނގިރޭސީންންގެ ކުޑަ މަނަވަރެއް، އެޗް.އެމް.އެސް. މޯލޮއީގައެވެ. އެ ބޭފުޅުން ފުރަތަމަ ވަޑައިގަތީ އައްޑޫއަށެވެ. އެއީ އެތަނުގައި ހިނގަމުން ދިޔަ ގަޑުބަޑެއް ހަމަ ޖެއްސެވުމަށެވެ.
އައްޑޫގައި ކުރިއަށް ތިބި ވެރިން، ޚާއްސަކޮށް ހިތަދޫގެ ވެރިން މަސައްކަތްކޮށްފައިވަނީ އިނގިރޭސީންނާއި ރައްޔިތުންނާއި ދެމެދުގައި މުއާމަލާތުކުރަން ސަރުކާރުން އެކަށައަޅާފައިވާ ޤަވާއިދު އުވާލުމަށެވެ. އަދި އެ އަތޮޅުގައި އެ ޤަވާއިދު ހިންގަވަން ފޮނުއްވާފައި ހުންނެވި ބުޗާ ހަސަން ކަލޭގެފާނުގެ "ދުވަސް ދުއްވާލާށެވެ." (މުހައްމަދު އަމީންގެ ބަސްފުޅުން.) ހަސަން ފަރީދު ވަޑައިގެންނެވިއިރު ހަސަން ކަލޭގެފާނު ހުންނެވީ ހިތަދޫގައި ތިބި އިންގިރޭސީންގެ ހިމާޔަތް ހޯއްދަވައިގެންނެވެ. ހަސަން ފަރީދު އެ މައްސަލަ ތަހުޤީޤުކުރައްވައި ވަގުތީ ހައްލެއް ހޯއްދެވިއެވެ.
ދެކުނުގެ ދަތުރު ނިންމުމަށްފަހު މާލޮއީ ކޮޅުމަޑުލު ވަންބަދިން ފުރައި ކޮޅުނބަށް މިސްރާބު ޖެހީ 26 މާރޗް 1944 ގައެވެ. ޖެހިގެން އައި 27 މާރޗްގައި މާލޮއީއަށް ޖަރުމަނުގެ ޔޫ 510 ސަބްމެރީނުން ދިން ޓޯރޕިޑޯ ހަމަލާއެއް އަމާޒުވެ ބޯޓް ފެތުނެވެ. އެއިން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތެއް ނުވެއެވެ. ފުރާނަ ގެއްލުނު މީހުންގެ ތެރޭގައި ހަސަން ފަރީދާއި ވޯކަރާއި 26 ކްރޫ މެމްބަރުން ހިމެނުނެވެ.
foto and part of the information: Mohamed Shathir