މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތް ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން އިއްޔެ ނިޔަލަށް ރާއްޖެއަށް ވަނީ 700،594 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އަދި މި މަހުގެ މިހާތަނަށް ރާއްޖެ އަށް 88،227 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖެނުއަރީ މަހު ރާއްޖެއަށް 92,103 ފަތުރުވެރިން އައިސްފައިވާއިރު، ފެބްރުއަރީ މަހު އައިސްފައި ވަނީ 96,881 ފަތުރުވެރިންނެވެ. އަދި މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އޭޕްރީލް މަހު ވަނީ 91،200 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. އަދި މޭ މަހު 64،613 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ޖޫން މަހު 56،166 ފަތުރުވެރިން އަދި މިދިޔަ މަހު ވަނީ 101،818 ފަތުރުވެރިން އައިސްފައެވެ.

އިއްޔެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައި ވަނީ ރަޝިޔާ އިންނެވެ. އެގައުމުން ރާއްޖެއައި ފަތުރުވެރިންގެ 22 އިންސައްތަ ހިއްސާކުރާއިރު، ދެވަނަ އަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައި އިންޑިއާ އިން ހިއްސާކުރަނީ 18.9 އިންސައްތައެވެ.