މާލޭގެ ކޮންމެ ބްލޮކަކަށް އެ ބްލޮކެއްގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ވެރިއަކު ކަނޑައަޅައި ސިޓީ ކައުންސިލްއާއެކު މަސައްކަތްކުރުމަށް، ބްލޮކް ވެރިން ހޮވުމަށް ބާއްވާ އިންތިޚާބް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބާއްވާގޮތަށް މާލޭ ސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ބްލޮކް ވެރިންގެ އިންތިޚާބް އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވުމަށްޓަކައި މި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ބްލޮކް ވެރިޔާ ކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާ، އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާ ގޮތަށް ފުރުސަތު ދީފައި ކަމަށެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތި ލުމުގެ ޝަރުތު ތަކުގެތެރޭގައި މީލާދީ ގޮތުން 18 ފުރިފައިވުމާއި، ކުރިމަތިލާ ބްލޮކްގައި ދިރިއުޅޭ މީހެއްކަމަށްވުމާއި، ވައްކަން، ޓެކުން، ފޭރުން ނުވަތަ ކޮރަޕްޝަނުގެ ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން ހިމެނެއެވެ.

މީގެ އިތުރުން އެއްވެސް މީހަކަށް އަދި ކުޑަކުއްޖަކަށް ޖިންސީ، ޖިސްމާނީ ހާނީއްކައެއް ކުރިކަން އެއްވެސް އިރެއްގައި ޝަރީޢަތަށް ސާބިތުވެފައި ނުވުމާ، އެފަދަ މައްސަލައެއްގެ ތަހުގީގްގައި ބަންދުކުރެވިފައިވާ މީހެއްކަމުގައި ނުވުމާއި، ތަހުގީގު މަރުހަލާގައި ތަހުގީގުކުރެވެމުންދާ މީހެއްކަމުގައި ނުވުމާއި، ބަޔާންކޮށްފައިވާ ޖިންސީ ކުށްތައް ފިޔަވައި އެހެން ޖިނާޢީ ކުށެއް ސާބިތުވެފައި ވާނަމަ ހުކުމް ތަންފީޒުކުރެވުނުތާ 3 އަހަރުވެފައިވުމާ، އިންތިޚާބްކުރެވޭ އެހެން އެއްވެސް މަގާމެއްގައި ހުރި މީހެއްކަމުގައި ނުވުމާ، މުސްތަޤިއްލު މުވައްސަސާއެއްގެ ނުވަތަ ސިޔާސީ މަގާމެއް ފުރަމުންދާ ފަރާތެއްކަމުގައި ނުވުން ހިމެނެއެވެ.

ބްލޮކް ވެރިޔާކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅަންޖެހޭ ތަކެތީގެ ތެރޭގައި ބްލޮކް ވެރިޔާކަމަށް އެދޭ ފޯމާއި، މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީހިމެނެއެވެ. މީގެ އިތުރުން ކުރިމަތިލާ ބްލޮކަށް ނިސްބަތްވާ 10 މީހަކު ސޮއިކޮށްފައިވާ ލިޔުންވެސް ހުށަހަޅަންޖެހެއެވެ.

ބްލޮކްވެރިޔާކަމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމް ބަލައިގަންނަން ފަށާފައިވަނީ މި މަހުގެ 12 ވަނަ ދުވަހު 10:00 ގައެވެ. އަންނަ ސެޕްޓެމްބަރ މަހުގެ 16 ވަނަ ދުވަހުގެ މެންދުރު 2 ޖަހަންދެން ފޯމު ބަލައިގަތުމަށް ވަނީހަމަޖެހިފައެވެ. ފޯމް ބަލައިގަންނާނީ ސިޓީ ކައުންސިލްގެ މައި އިދާރާ، އެމް.ޑަބްލިޔޫ.އެސް.ސީ ކަސްޓަމަރަ ސަރވިސް ބިލްޑިންގް ތިންވަނަ ފަންގިފިލާއާއި ހަތަރުވަނަ ފަންގިފިލާއިންނެވެ.

ބްލޮކް ވެރިން އައްޔަންކުރުމުގެ އިންތިޚާބްގައި ވޯޓް ފޮށިތައް ބަހައްޓާނީ ހުޅުމާލެ، ހެންވޭރު، ގަލޮޅު، މައްޗަންގޮޅި،މާފަންނު އަދި ވިލިމާލޭގައެވެ.

ބްލޮކް ވެރިޔާގެ މަސްއޫލުލިއްޔަތުތަކުގެތެރޭގައި ބުލޮކުގައި ދިރިއުޅޭ ހުރިހާ ފަރާތްތަކެއްގެ ދިރިއުޅުމުގެ ހާލަތު އެނގުން، އަދިކައުންސިލުން އެދިއްޖެ ކޮންމެ ފަހަރަކު އެ މައުލޫމާތު ހިއްސާކުރުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތައް، ދިރިއުޅެމުންދާ ތަންތަނުގެ ފުރިހަމަ މައުލޫމާތު އެނގުމާއި، ބުލޮކުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ މައްސަލަތައް ހޯދައި އެކަން ހައްލު ކުރުމަށް އެކަމުގެ މައުލޫމާތާއި، އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިކަން ކައުންސިލަށް ހުށަހެޅުހިމެނެއެވެ. އަދި ބުލޮކުގައި ދިރިއުޅޭ ފަރާތްތަކުގެ މައުލޫމާތު ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން ކައުންސިލާއި ހިއްސާކުރުން ހިމެނެއެވެ.