ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މާދަމާއަށް ތާވަލު ކޮށްފި އެވެ.

ރައީސް ޔާމީންގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 09:00 އަށެވެ. މި އަޑުއެހުމަކީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް ބާއްވާ އަޑުއެހުމެކެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއަކީ ވެސް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގައި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތު ނަގައި އަދި އެ ފައިސާ ބޭނުން ކޮށްގެން މަނީ ލޯންޑާކުރުމުގެ އަމަލު ހިންގަވާފައި ކަމަށް ބުނެ ކުރި ދެ ދައުވާ އެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ވަނީ ޝަފަހީ އަދި ކިތާބީ ހެކި ހިމެނޭގޮތަށް ޖުމުލަ 86 ހެއްކެއް ހުށަހަޅާފައެވެ. އެގޮތުން ޔާމީނާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކީގެ ތެރޭގައި، އެމްއެމްޕީއާރްސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތު، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ސަން ކުންފުނީގެ ޗެއާމަން އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު، ކުރީގެ މެމްބަރު އަލީ މައުރޫފް އަދި މ. ޕޮމްޕިޔާ އިބްރާހިމް ރަޝީދު (ބޮންޑޭ) ފާހަގަކުރެވެއެވެ. މީގެ އިތުރުންވެސް ގިނަ ކިތާބީ ހެކި ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހަޅާފައިވެއެވެ.