އަހަރު ދުވަހުގެ މަޝްވަރާއަށްފަހު ރެއާލް މެޑްރިޑުން އެކްލަބުގެ މުހިއްމު ފޯވާޑް ކަރީމް ބެންޒެމާގެ ކޮންޓްރެކްޓް 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާކޮށްފިއެވެ.

ބެންޒެމާގެ ކޮންޓްރެކްޓް ރެއާލްއިން އާކޮށްފައި މިވަނީ އޭނާގެ ކޮންޓްރެކްޓް ހަމަވާން އަހަރެއްހައި ދުވަހަށް ވެފައި ވަނިކޮށެވެ. އާކޮންޓްރެކްޓުގައި ބެންޒެމާ ރިލީސް ކްލައުސްއަކަށް ހިމަނާފައި ވަނީ އެއްބިލިޔަން ޑޮލަރެވެ.

2009 ވަނަ އަހަރު ފްރާންސްގެ ލިއޯންއިން ރެއާލްއާ ގުޅުނު ބެންޒެމާ މިހާތަނަށް ވަނީ ރެއާލްއަށް 560 މެޗް ކުޅެދީ 281 ލަނޑު ކާމިޔާބު ކޮށްދީފައެވެ. ބެންޒެމާއަކީ ރެއާލްގެ ތާރިހުގައި އެކްލަބަށް ފަސްވަނައަށް އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ.

ބެންޒެމާ މިވަގުތު ރެއާލްއަށް ކުޅެމުން އަންނަނީ އަހަރަކަށް 15 މިލިޔަން ޕައުންޑުގެ މުސާރައަކަށެވެ. އާކޮންޓްރެކްޓުގެ ދަށުން އޭނާއަށް ރެއާލްއިން ދޭން ނިންމާފައި ވަނީ ކިހާވަރެއްގެ މުސާރައެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ރެއާލްއިން ބެންޒެމާގެ ކޮންޓްރެކްޓް އާކުރިނަމަވެސް ފާއިތުވެދިޔަ 10 ވަރަކަށް އަހަރު އެކްލަބުގެ ކެޕްޓަންކަން ކުރި ޑިފެންޑަރު ސާޖިއޯ ރާމޯސްގެ ކޮންޓްރެކްޓް އާނުކޮށް މިސީޒަނުގައި ވަނީ ދޫކޮށްލާފައެވެ. ރާމޯސް ގުޅުނީ ފްރާންސްގެ މުއްސަނދި ކްލަބު ޕީއެސްޖީއާއެވެ.