ށ. ޅައިމަގު "ކުރިމަގު 1" ބޯޓުގައި މަސައްކަތް ކުރަން އުޅުނު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރު މަރާލައި އޭނާގެ ހަށިގަނޑު ކަނޑުފެއްތި މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ދައުވާއަށް އިންކާރު ކުރުމުން ދައުލަތުން ހެކިންގެ ގޮތުގައި 14 މީހަކާއި ހަތް ކިތާބީހެކި ކޯޓަށް ހުށަަހަޅައިފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ލުތުފަރުގެ ހަށިގަނޑު ފެނުނީ ޅައިމަގު ކަނޑު ބޭރަށް ފައްތާފައި ވަނިކޮށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ ބަންގްލަދޭޝްގެ ތިން މީހުން ކަމަށްވާ އަލަމިން އާއި ނޫރުލް އިސްލާމް އާއި އެމްޑީ އަހްތަރުގެ މައްޗަށެވެ.

އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އެ ތިން މީހުން އެކަމަށް ކުރިން އެއްބަސްވުމަށް ފަހު ކޯޓުގައި ދައުވާއަށް އިންކާރު ކުރުމުން ދައުލަތުގެ އެދުމުގެ މަތިން ތަހުގީގު ފުރިހަމަކޮށް، އަލުން ކޯޓަށް ހުށަހެޅި އެވެ.

ކުރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި، އެ ތިންމީހުންގެ މައްޗަށް ދައުލަތުން ދައުވާ ހުށަހެޅުމުން، އަލަމިން އާއި ނޫރުލް އިސްލާމް މިއަދު ދައުވާއަށް އިންކާރު ކުރިއެވެ.

މި މައްސަލައިގައި ދައުވާކުރާ ތިންވަނަ މީހާ ކަމަށްވާ އެމްޑީ އަހްތަރަށް ވަކީލަކު ނެތުމުން އޭނާގެ ބައި މިއަދު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އޭނާއަށް ވަކީލަކު ހަމަޖައްސަން ފަސް ދުވަހުގެ މުއްދަތެއް ގާޒީ ދެއްވިއެވެ.

މިއަދުގެ އަޑުއެހުމުގައި، ދއުލަތުން ހެކިން ހުށަހެޅުމުން ގާޒީ ވިދާޅުވީ، ހުށަހެޅި ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު، އެމީހުންގެ މައްޗަށް ހެކި ހުށަހެޅި ދެ މީހުންގެ ބައި ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެހެންކަމުން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށްޓަކައި، 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މައްސަލަ ރައްދުވާ ފަރާތަށް ދިފާއީ ހެކިން ހުށަހަޅަން ދެ ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވައިފައެވެ.