ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލުން ދެމުންގެންދާ ހިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ސްޓްރެޓެޖީގެ ދަށުން ކުރެވެމުންދާ މަސައްކަތުގެ ތެރެއިން މިއަދު ޑިޖިޓަލް ޕިންގެ ހިދުމަތް ތައާރަފްކޮށްފިއެވެ.

މި ހިދުމަތާއެކު ކަސްޓަމަރުންނަށް ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެެއިޑް ކާޑުގެ ޕިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް އަމިއްލައަށް ވަގުތުން ބަދަލުކޮށްލެވޭނެ ކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ.

މި ހިދުމަތާއެކު ރާއްޖޭން ބޭރުގައި ދިރިއުޅޭ ކަސްޓަމަރުންނަށްވެސް ޕޯސްޓް މެދުވެރިކޮށް ޕިން ހޯދުމަށް މަޑު ކުރަންނުޖެހި ވަގުތުން ކާޑުގެ ޕިން ބަދަލުކުރެވޭނެއެވެ.

މި ޙިދުމަތާއި ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މިއީ އެބޭންކުގެ ޙިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަގުޗާޓާ އެއްގޮތްވާގޮތުގެ މަތީން ތައާރަފްކުރެވުނު ހިދުމަތެއްކަމަ ޑިޖިޓަލް ޕިންގެ ހިދުމަތާއެކު މިހާރު ދޫކުރާ ގޮތައް ކަރުދާހުގައި ދޫކުރެވޭ ޕިން ލިބުމަށް ނަގާ ވަގުތު ސަލާމަތްވެ ކަސްޓަމަރުންނަށް ހިދުމަތް ހޯދުމަށް ފަސޭހަވެހެން ދާނެކަމަށެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 61 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 124 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެބޭންކުން ހާމަކުރެއެވެ.