މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީވެ ވިޔަވާރިވެރިންނާއި ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ށ. އަތޮޅުގެ ތިން ރަށެއްގައި ޕްރޮގްރާމެއް ހިންގައިފިއެވެ.

ފާއިތުވި ހަފްތާގައި ށ. ފުނަދޫ ޕޮލިސް ސްޓޭޝަނާއި ށ. ކަނޑިތީމު ޕޮލިސް ސްޓޭޝަން އަދި ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި ޕްރޮގްރާމުގައި އެރަށްތަކުގައި މީހުން ދިރިއުޅޭ ހުރިހާ ގޭބިސީތަކާއި ފިހާރަތަކާއި ކެފޭ، ރެސްޓޯރެންޓްތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން ޕްރޮމޯޝަންތަކުގެ ނަމުގައި އިނާމުތައް ލިބޭކަމަށް ބުނެ ވަކި ވަގުތެއްގެ ތެރޭގައި ފައިސާ ޖަމާކުރަން ބުނުމާއި، ރީލޯޑް ރާސްޓަސް ކުރުމަށް ގުޅާ ފޯނު ކޯލުތަކާ ގުޅޭ މައުލޫމާތު ދީފައިވެއެވެ.

ހަމައެއާއެކު މަކަރާއި ހީލަތުން އޮޅުވާލައިގެން އޮންލައިން ވިޔަފާރި ކުރާކަމަށް ދައްކައި ރައްޔިތުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އަތުލަމުން ދާކަމަށާއި، ބޭންކުގެ ނަމުގައި ގުޅައި ކޭޝް ކާޑުގެ މައުލޫމާތާއި ބޭންކު އެކައުންޓްގެ މައުލޫމާތު ހޯދައިގެން ހިންގާ ކުށްތަކުން ސަލާމަތް ވާނެ ގޮތްތަކާއި އޮޅުވާލައިގެން ގުޅާ ކޯލްތަކާމެދު އަމަލު ކުރާނެ ގޮތްތައް ބުނެދީ ރައްޔިތުން ހޭލުންތެރި ކުރުވާފައިވެއެވެ.

އޭގެއިތުރުން ވިޔަފާރި ކުރާތަންތަނުން ގިނަ އަދަދަކަށް ރީލޯޑް ރާސްޓަސް ކުރާކަމަށް ފާހަގަ ވެއްޖެނަމަ ސުވާލުކޮށް އެކަން ހުއްޓުވުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާ މީހުން ބޭނުންކުރާ އުކުޅުތައް ކިޔައިދީ އެކަންކަމުގެ ރައްކާތެރިވެ ތިބުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ހޭލުންތެރި ކުރުވާފައިވެއެވެ.

މި ޕްރޮގްރާމުގައި ފުލުހުން ޒިޔާރަތްކުރި ގޭބިސީތަކަށް، މަކަރާއި ހީލަތުން އާންމުކޮށް ހިންގާ ކުށްތަކާއި އެކުށްތަކުނުް ސަލާމަތްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިމެނޭ ލިޔުންތައް ވެސް ބަހާފައިވެއެވެ.