ސްޕެނިޝް ލަލީގާގައި ރޭ ލެވަންޓޭ ކޮޅަށް ވިނީޝަސް ޖޫނިއަރ މެޗް ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބު ކޮށްދިން ލަނޑުން، މެޗުން ބަލިނުވެ ވަރުގަދަ ރެއާލް މެޑްރިޑް ސަލާމަތް ވެއްޖެއެވެ.
ލެވަންޓޭގެ ދަނޑުގައި ކުޅުނު މިމެޗުގައި ފުރަތަމަ ލީޑް ނެގީ ރެއާލްއިންނެވެ. މިލަނޑު މެޗް ފަށައިގެން 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ، މިދިޔަ ދެސީޒަނުގައި ޒައިނުއްދީން ޒިދާންގެ އިރުޝާދުގެ ދަށުން ކުޅެން ފުރުސަތު ނުލިބި ގިނަ މެޗުތަކެއް ބެންޗުގައި ހޭދަކުރަން ޖެހުނު ވޭލްސްގެ ވިންގަރ ގެރަތު ބޭލްއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ލެވަންޓޭއިން ރެއާލް ސިއްސުވާލީ ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައި ދެލަނޑު ޖަހައިގެންނެވެ. ފުރަތަމަ ލަނޑު ރޮޖާ މާޓީ ކާމިޔާބު ކޮށްދިންއިރު ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ހޯސޭ ކަމްޕަނާއެވެ. ލެވަންޓޭއިން ލީޑް ނެގުމާއެކު ރެއާލްގެ ކޯޗް ކާލޯ އަންޗަލޮއްޓީ ވިންގަރ އެޑިން ހަޒާޑް ބޭލުމަށްފަހު ވިނީޝަސް، ބޭލްގެ ބަދަލުގައި ރިޑްރީގޯ އަދި ވަޒްކުއޭޒްގެ ބަދަލުގައި ކަވަހާލް ކުޅެން އެރުވިއެވެ. މިއާއެކު ރެއާލްގެ ހަމަލާތައް ވަރުގަދަ ވެގެންދިޔައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ހައިލައިންގައި ކުޅެމުންދިޔަ ލެވަންޓޭގެ ޑިފެންޑަރުން ކައިރިން ދެމިގަނެ 73 ވަނަ މިނެޓުގައި ވިނީޝަސް ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދިނުމެވެ. ރެއާލްއިން ނަތީޖާ ހަމަހަމަ ކުރިތާ ހަމިނެޓް ފަހުން އަނެއްކާވެސް ލެވަންޓޭއިން ލީޑް ނެގިއެވެ. މިލަނޑު ކާމިޔާބު ކޮށްދިނީ ޑިފެންޑަރު ރޮބާއެވެ. މިނަތީޖާގައި ލެވަންޓޭއިން މެޗް ނިންމާނެ ކަމަށް ބެލެވިފައި ވަނިކޮށް ރެއާލްއަށް ދެވަނަ ފަހަރަށް ވިނީޝަސް އެއްވަރު ކޮށްދިނީ މެޗް ނިމެން 5 މިނެޓަށް ވެފައި ވަނިކޮށެވެ.
މެޗަށްފަހު ކުޅުންތެރިންނާމެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ހުރެ އަންޗަލޮއްޓީ ބުނީ މެޗަށް ސަމާލުކަން ނުދޭނަމަ ލީގުގެ ވަރަށް ކުރީކޮޅު ތައްޓަށް ވާދަ ކުރުމުގެ ރޭހުން ރެއާލް ބާކީވެދާނެ ކަމަށެވެ. "ފުރަތަމަ ހާފް މެޗުގެ ކޮންޓްރޯލް އެއްކޮށް އޮތީ އަހަރެމެން އަތުގައި. އެކަމަކު ދެވަނަ ހާފް މިފެނުނީ މުޅި ޓީމު ރޫޅިފައި ވަނިކޮށް.މިއަށްވުރެ ބޮޑަށް އަހަރެމެން މެޗަށް ސަމާލުކަން ދޭންޖެހޭ" އަންޗަލޮއްޓީ ބުންޏެވެ.
ލީގުގައި މިހާތަނަށް ދެމެޗް ކުޅެ 4 ޕޮއިންޓާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައެވެ. ރެއާލްއަށް ދެން ކުރިއަށް އޮތީ މިމަހުގެ 28 ވަނަ ދުވަހު ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗެވެ.