ގަލޮޅު ޕިންކު ދެވަނަ ބުރިން ފަނަ އަހަރުގެ އަންހެން ކުއްޖަކު ވެޓި ވަރަށް ބަޑަށް ޒަޚަމްވެޖެ އެވެ.

ފުލުހުން ވިދާޅުވީ މިހާދިސާގެ މައުލޫމާތު ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 4:00 އެހައިކަންހާއިރު ކަމަށެވެ. ފުލުހުން ވިދާޅުވީ އެ ކުއްޖާއަށް ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗުގައި ކަމަށެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ އެފަދަ ހާދިސާއެއް ހިނގައިގެން 15 އަހަރުގެ އަންހެން ކުއްޖަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ. ފުލުހުން ބަލަމުންދާ މައްސަލައަކަށް ވާތީ ކުއްޖާގެ ހާލަތާއި ބެހޭޭ އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން ނުދެއްވިއެވެ.

މަންޒަރު ދުށް ފަރާތަކުން ހާމަކުރިގޮތުގައި ކުއްޖާގެ ބޯ ފަޅައިގެން ގޮސް ވަރަށް ބޮޑަށް ލޭ އައިސްފައި ވެއެވެ. އަދި ލޯމަށްޗާއި މޫނު މަތި ވަނީ ވަރަށް ބޮޑަށް ދުޅަވެފައެވެ. ކުއްޖާގެ ފަޔަށްވެސް ވަރަށްބޮޑު ގެއްލުން ތަކެއް ލިބިފައިވާނެކަމަށް މަންޒަރު ދުށް ފަރާތުން މި ނޫހަށް ކިޔައި ދިނެވެ.

މި ހާދިސާ ހިނގީ މިއަދު ހަވީރު 3:50 ކަން ހާއިރު އެވެ. މިއީ ފާއިތުވި ދިރާސީ އަހަރު އިސްކަންދަރު ސުކޫލުގެ ގްރޭޑް 10 އިން ކިޔަވަމުންދާ ކުއްޖެއްކަމަށް މައުލޫމާތު ދިން ފަރާތުން ހާމަ ކުރިއެވެ.

މިކުއްޖާ މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ. މިހާދިސާ ހިނގަން މެދުވެރި ސަބަބެއް އަދި ނޭނގެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ހާދިސާ ހިނގި ވަގުތު އެކުއްޖާގެ އާއިލާގެ އެއްވެސް މެންބަރަކު ގެއަކު ނެތެވެ. މި ކުއްޖާގެ ހާލަތާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް އަދި ލިބިފަައެއް ނުވެއެވެ.