ބާސެލޯނާ ދޫކޮށްލަން ނިންމައި އެކަން އެކްލަބުގެ ތަރި ލިއޮނަލް މެސީ ހާމަ ކުރުމާއެކު ފުޓްބޯޅައިގެ ދުނިޔެއަށް ސިހުން ލިބި، ބާސެލޯނާގެ ސަޕޯޓަރުންނާއި ނޫސްވެރިން އެކްލަބުގެ މައި އޮފީސް ދޮށަށް ޖަމާވާން ފަށައިފިއެވެ.

އުމުރުން އެންމެ 12 އަހަރުގައި ބާސެލޯނާއާ ގުޅުނު މެސީ، ބާސެލޯނާ ދޫކޮށްލަން ބޭނުންވާކަން އެކްލަބަށް އެންގީ ލިޔުމުން ކަމަށް ސްޕެއިން އާއި އާޖެންޓީނާގެ އިތުބާރު ހުރި މަސްދަރުތަކުން ބުނެއެވެ. މީގެ އިތުރުން ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ކުރާ އެއްވެސް ފަރިތަ ކުރުމެއްގައި މެސީ ބައިވެރި ނުވާނެކަމަށް އޭނާގެ ގާތް ފަރާތްތަކާ ހަވާލާދީ މިޑީޔާ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.

ބާސެލޯނާ ދޫކޮށްލަން މެސީ ނިންމައި އެކަން އެކްލަބަށް މެސީ އަންގާފައިވާކަމަށް ބާރު ލިބޭ އިތުރު ހެކިތަކަކީ ބާސެލޯނާ ނިސްބަތްވާ ސްޕެއިނުގެ ކެޓަލޯނިއާ ސަރަހައްދު ސިޔާސީ އިސްފަރާތްތަކާއި އެކްލަބުގެ ކުރީގެ ދެތަރިން ކަމުގައިވާ ކާލޮސް ޕުޔޯލް އާއި ޒަވީ ހެނާންޑޭޒް، މެސީއަށް އިހްތިރާމް ކުރާކަމަށާއި މެސީއާއެކު ހުރި ކަމަށް ލިޔެ ސޯޝިއަލް މީޑިޔާގައި ޕޯސްޓްތައް ހާމަ ކުރުމުންނެވެ.

ޖޯސެފް މާރިއޯ ބާޓޮމިއޯ 2014 ވަނަ އަހަރު ބާސެލޯނާގެ ރައީސް ކަމުގެ މަގާމާއި ހަވާލުވިފަހުން ފުޓްބޯޅައިގެ މައިދާނުގައި ބާސެލޯނާ ދަމަހައްޓަމުން ދިޔަ ކާމިޔާބީ އެކްލަބު އަތުން ގެއްލިފައިވާކަމަށް އެކްލަބުގެ ސަޕޯޓަރުންނާއި ތަޖުރިބާކާރުން ދެކެއެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 6 ފަހަރު ހޯދާފައިވާ މެސީ އަކީ ފާއިތުވެދިޔަ 15 އަހަރު ތެރޭގައި ބާސެލޯނާ ހޯދި ހުރިހާ ކާމިޔާބީއެއްގައި އެންމެ ބޮޑު ހިއްސާއެއްވި އެއްކުޅުންތެރިޔާއެވެ.

މިވަގުތު ބާސެލޯނާގެ ސަޕޯޓަރުންނާއި ގިނަ އަދަދެއްގެ ނޫސްވެރިން ދަނީ ބާސެލޯނާގެ އޮފީސް ކައިރިއަށް ޖަމާވަމުންނެވެ.