މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން އަބްދުﷲ ދެކޮޅު ހައްދަވައިފިއެވެ.

ކޮރޯނާވައިރަސްގެ ހާލަތާ ގުޅިގެން މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގަވަން އެދިވަޑައިގެންނެވީ މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންއެވެ.

މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގެނީ ރަސްގެފާނު އެކަމަށް ހުއްދަ ދެއްވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ބޮޑުވަޒީރު މުހްޔިއްދީން ޔާސީން، މެލޭޝިޔާގެ ރަސްގެފާނަށް ހުށަހެޅުއްވި ޕްރޮޕޯސަލްގައި އެދިވަޑައިގެންފައިވަނީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި، ޕާލަމެންޓްވެސް ސަސްޕެންޑް ކުރެއްވުމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިނަމަ ބޮޑުވަޒީރަށާއި، އޭނާގެ ސަރުކާރަށް ބޮޑެތި ބާރުތަކެއް ލިބިގެންދާނެއެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ މަގްސަދަކީ، ކުއްލި ނުރައްކަލުގެ ހާލަތުގެ ބޭނުން ކުރައްވައިގެން ވެރިކަމުގައި އަތްގަދަ ކުރެއްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ގެންދިޔައީ ބުނަމުންނެވެ.

ސަބަބެއް ކަމަށް ބުނަމުންދިޔައީ، އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް، ބޮޑުވަޒީރު މަގާމުން ދުރުކުރައްވަން އުޅުއްވުމާއި އަދި ޚުދު މުހްޔިއްދީން ޔާސީންގެ ވެރިކަންކުރާ ކޯލިޝަން ތެރޭގައިވެސް ހިގަމުންދާ ކޯޅުންތަކުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުން ދާތީއެވެ.

މިކަންކަމުގެ އިތުރުންވެސް، ކޮވިޑް-19 ބަލީގެ ހާލަތު މެލޭޝިޔާގައި އިތުރަށް ގޯސްވާން ފެށުމާއި، އިގްތިސާދަށް އައިސްފައިވާ ހީނަރުކަމަކީ ބޮޑުވަޒީރު ޔާސީންއަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަންކަމެވެ.

މިފަދަ ނުކިއްސަރު ހާލަތެއްގައި ހުންނެވި ބޮޑުވަޒީރު މުހްޔިއްދީން ޔާސީން މެލޭޝިޔާގައި ކުއްލި ނުރައްކަލުގެ ހާލަތު ހިންގުމަށް އެދިވަޑައިގެންނެވުމުން ރަސްގެފާނު އެކަމާ ދެކޮޅު ހެއްދެވުމަކީ ބޮޑުވަޒީރަށް އިތުރު ނުތަނަސްކަމެއް ކުރިމަތި ކުރުވި ކަމެކެވެ.

"ގައުމުގައި ނުވަތަ ގައުމުގެ އެއްވެސް ހިސާބެއްގައިވިޔަސް ކުއްލި ނުރައްކަލުގެ ހާލަތު ހިންގަންޖެހޭ ބޭނުމެއް އޮތް ކަމަކަށް ރަސްގެފާނަށް ފެނިވަޑައިނުގެންނެވި" ގަނޑުވަރުގެ ބަޔާން
މެލޭޝިޔާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން:

ބަޔާނުގައި މެލޭޝިޔާގެ ރަސްގެފާނުވަނީ، ގައުމުގެ ހަމަޖެހުމާއި، ސަރުކާރުގެ ހަމަޖެހުން ގެއްލޭ ކަންކަން ހުއްޓާލުމަށް ސިޔާސީ ފަރާތްތަކަށް ގޮވާލައްވާފައެވެ. މިދަނޑިވަޅުގައި ދައުލަތުގެ ބަޖެޓަށް ވިސްނުންތައް ބެހެއްޓުން މުހިންމު ކަމަށްވެސް ރަސްގެފާނުގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

ސަރުކާރުން މިހާރު ތައްޔާރުވަމުންދަނީ ނޮވެމްބަރު 6 ގައި ޕާލަމެންޓަށް ބަޖެޓު ހުށަހެޅުމަށެވެ.

ޕާލަމެންޓުން ބަޖެޓް ފާސް ނުކޮށްފިނަމަ ބޮޑުވަޒީރު މުހްޔިއްދީން ޔާސީންގެ އިތުބާރުނެތްކަމުގެ ވޯޓަކަށް ދާންޖެހޭނެއެވެ. އެގޮތަށް އެކަން ކޮށްފިނަމަ މެލޭޝިޔާ އަނެއްކާވެސް މިސްރާބު ޖަހާނީ އިންތިޚާބަކާ ދިމާއަށެވެ.

މާޗްމަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި މުހްޔިއްދީން ޔާސީން ބޮޑުވަޒީރުކަމުގައި ހުންނެވީ ޕާލަމެންޓްގެ އެންމެ 2 ގޮނޑީގެ ތަފާތަކުން އަޣުލަބިއްޔަތު ހޯއްދަވައިގެންނެވެ.

ނަމަވެސް، އިދިކޮޅު ލީޑަރު އަންވަރު އިބްރާހިމް ވިދާޅުވަމުން ގެންދަވަނީ ސަރުކާރެއް އެކުލަވާލެވޭ ވަރަށް އަޣުލަބިއްޔަތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭނާއަށް ތާއީދު ދެއްވި މެމްބަރުންގެ ތެރޭގައި ބޮޑުވަޒީރު ޔާސީންގެ ޕާޓީގެ މެމްބަރުންވެސް ހިމެނޭ ކަމަށް އަންވަރު ވިދާޅުވެއެވެ.