ހުޅުމާލޭގައި ބައިލިންގުއަލް އިންޓަރނޭޝަނަލް ސްކޫލެއް އިމާރާތްކޮށް ހިންގުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއި އެޑިޔުކޭޝަން މިނިސްޓްރީން ސޮއި ކުރައްވައިފިއެވެ.

އެ މިނިސްޓްރީން މި އެއްބަސް ވުމުގައި ސޮއި ކުރައްވާފައިވަނީ ކުވެއިތުގެ، އަލްޖެރީ ހޯލްޑިންގ ގްރޫޕާއެކުގައެވެ. އެޑިޔުކޭޝަން މިނިސްޓްރީގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީއެވެ. އަދި އަލްޖެރީ ހޯލްޑިންގ ގްރޫޕްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއެވެ.

ހުޅުމާލޭ ފޭސް 1ގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވައިދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. މިއީ އިންގްލިޝް މީޑިއަމް ސްކޫލެކެވެ. އަދި މި ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭން ވެސް ވަނީ ހަމަޖެހިފައު ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

2 ފޭސްއަށް ބަހާލައިގެން ކުރިއަށް ގެންދާން ހަމަޖެހިފައިވާ މި ސްކޫލްގެ ފުރަތަމަ ފޭސްގައި އަންނަ ދިރާސީ އަހަރު ފެށޭއިރު ކިޔަވައިދޭން ފެށޭވަރު ވާނެ ކަމަށް އަލްޖެރީ ހޯލްޑިންގ ގްރޫޕުން މަޢުލޫމާތު ދެއްވިއެވެ. އަދި 2 ވަނަ ފޭސްގައި 2023 ވަނަ އަހަރުގެ ދިރާސީ އަހަރާއެކު ކިޔެވުން ފެށިގެން ދާނެއެވެ.

ގާތްގަނޑަކަށް 1200 ދަރިވަރުންގެ ޖާގައިގެ މި ސްކޫލް އިމާރާތް ކުރާނީ ރާއްޖޭގެ ކުންފުންޏަކާ ހަވާލު ކޮށްގެންނެވެ. މި އިމާރާތް ބަޔަކާ ހަވާލު ކުރުމަށް މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށް އެޑިޔުކޭޝަނުން ވިދާޅުވިއެވެ.

އަލްޖެރީ ހޯލްޑިންގ ގްރޫޕުން ކުވެއިތުގައި އިންޓަނޭޝަނަލް 20 ސްކޫލް ހިންގައެވެ. އަދި އެ ކުންފުނީގެ ޗެއަރމަން ޠަލާލް ޚަލީފާ އަލްޖެރީއަކީ އަރަބި ދުނިޔޭގައި ނަން މަޝްހޫރު ވިޔަފާރި ޝަޚުސިއްޔަތެއް ކަމަށް ވެސް އެޑިޔުކޭޝަނުން ވިދާޅުވެފައިވެއެވެ.