ޗައިނާގައި ޕްރައިވެޓް ޓިއުޝަން ދިނުން ސަރުކާރުން މަނާ ކުރުމާ ގުޅިގެން މީހުން ދެކޮޅުހަދަން ފަށައިފިއެވެ. އުނގެނުމަކީ އެންމެނަށް ހަމަހަމަ ފުރުސަތަކަށް ވާން ޖެހޭނެ ކަމަށް ޗައިނާ ރައީސް ނިންމެވުމާ ގުޅިގެން ޕްރައިވެޓް ޓިއުޝަން ދޭފަރާތްތަކާ ދެކޮޅަށް މަސްއޫލު ފަރާތްތަކުން ދަނީ ފިޔަވަޅު އަޅަމުންނެވެ. ޗައިނާގެ ވާދަވެރި މުޖުތަމައުގައި އެންމެންވެސް ބޭނުން ވަނީ އޭނާގެ ދަރި އަނެކާއަށް ވުރެން މޮޅުވެފައި ހުނަރުވެރި ވާށެވެ.

ޗައިނާ ލޭބަރ ބުލެޓިންއާ ޙަވާލާދީ، ސްޓރެއިޓް ޓައިމްސްއިން ބުނިގޮތުގައި އޮގަސްޓް މަހު އެކަނިވެސް މުދައްރިސުން އަށް ބުރަށް ހަޅުތާލު ކޮށްފައި ވެއެވެ. ޖުލައި މަހުވެސް ދެ ބުރަށް ހަޅުތާލު ކޮށްފައި ވެއެވެ.

ޝެންހާއިގައި ހަޅުތާލުކުރި މީހުން ބުނެފައި ވަނީ ސަރުކާރުން ކަންކުރި ގޮތުން އެމީހުން ވަޒީފާގައި ގެންގުޅު ކުންފުނި އެމީހުންނަށް މުސާރަ ނުދީ ކުންފުނި ބަންދުކޮށްފައި ގޮސްފައިވާ ކަމަށެވެ. އެފަދަ ހަޅުތާލުތައް ބެއިޖިންގއާއި ޗަންގްޝާއާއި ނާންޖިންގައި ހިންގާފައި ވެއެވެ.

ޗައިނާގެ ފަންނީ ތަޢުލީމު ދިނުމުގެ ދާއިރާއަކީ 100 ބިލިއަން ޑޮލަރު އެނބުރޭ ދާއިރާއެކެވެ. ކުދިން މޮޅުކުރުމަށްޓަކައި އިތުރަށް ޓިއުޝަން ދޭން މައިންބަފައިން ބާރުއަޅައެވެ. އަދި ކިޔަވައިދޭ މީހުންވެސް ކުދިން ޓިއުޝަން ހޯދުމަށް ބާރުއަޅައެވެ.

ޗައިނާގައި ހަޅުތާލުކުރުން ފަދަ ކަންކަމަކީ އެކަމަށް ކޮމިއުނިސްޓް ޕާޓީން ހަރުކަށި ފިޔަވަޅުއަޅާނެ ކަންކަމެވެ. މި މަޢްލޫމާތުވެސް ލިބެނީ ވީޗެޓް ނުވަތަ ސައިނާ ވައިބޯ ފަދަ މީސްމީޑިއާގައި ކީވަރޑްތައް ޖަހައިގެން އަތްފުނާ އަޅައިގެންނެވެ.