ދުނިޔޭގައި އެންމެ ގިނައިން ދަރަނި ދޭ ގައުމަކީ ޗައިނާއެވެ. ނަމަވެސް ޗައިނާގެ ދަރަންޏާ ބެހޭ ގޮތުން ފާޑުކިޔާ ފަރާތްތަކުން ފާޑު ކިޔަނީ އެ ދަރަނިތައް ސިއްރު ކުރުމަށް ޗައިނާއިން މަސައްކަތް ކުރާތީއެވެ.
އިންޓަނޭޝަނަލް ފޯރަމް ފޯ ރައިޓްސް އެންޑް ސެކިއުރިޓީ އިން ވަނީ ޕީޓަރސަން އިންސްޓިއުޓް ފޯރ އިންޓަރނޭޝަނަލް އިކޮނޮމިކްސްއާއި ކިއެލް އިންސްޓިއުޓ ފޯރ ދަ ވަރލްޑް އިކޮނޮމީއާއި ސެންޓަރ ފޯރ ގްލޯބަލް ޑިވެލޮޕްމެންޓް އެންޑް އެއިޑް ޑޭޓާއާ ގުޅިގެން ޗައިނާއިން ދަރަނި ދިނުމަށް ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތައް ދިރާސާ ކޮށްފައެވެ.
މި މުއައްސަސާތަކުން ވަނީ 2000ން 2020ށް އެކި ގައުމުތަކުން ޗައިނާއާއެކު ސޮއިކޮށްފައިވާ 100 އެއްބަސްވުން ދިރާސާ ކޮށްފައެވެ. މީގައި އެފްރިކާއާއި އޭޝިއާއާއި އިރުމަތީ ޔޫރަޕާއި ލެޓިން އެމެރިކާ އަދި އޯޝޭނިއާގެ 24 ގައުމަކުން ސޮއިކޮށްފައިވާ އެއްބަސްވުންތައް ހިމެނެއެވެ. މި އެއްބަސްވުންތަކުގެ ޖުމުލަ 36.6 ބިލިއަން ޑޮލަރަށް އަރައެވެ.
މި އެއްބަސްވުންތައް ދިރާސާ ކުރުމުން އެނެގެނީ، އެހެން ފަރާތަކުން ގައުމަކަށް ދަރަނި ދީފައިވީނަމަވެސް ޗައިނާއިން ދަރަނި ނަގަނީނަމަ ޗައިނާގެ ދަރަނި އަދާކުރުމަށް އިސްކަން ދިނުމަށް މި އެއްބަސްވުންތަކުގައި މާއްދާތައް ހިމަނާފައިވާ ކަމެވެ.
އިތުރަށް ފާހަގަ ކުރެވެނީ، ދަރަނި ނުދެއްކޭ ހިނދެއްގައި ޙަވާލުކުރުމަށް ގައުމުގެ ހަރުމުދާ ޗައިނާއާ ޙަވާލުކުރުމަށް ޝަރުތުކޮށްފައިވާ ކަމެކެވެ.
މީގެ އިތުރުން އެންމެ ނުރައްކާ އަނެއް މާއްދާއަކީ އެއްވެސް ހާލަތެއްގައި ދަރަނި އަލުން ޝެޑިއުލް ކުރުމަށް ނުވަތަ މައާފް ކުރުމަށްޓަކައި "ޕެރިސް ކްލަބް"އާ ވާހަކަ ދައްކައިގެން ނުވާނެ ކަމެވެ.
އެހެން ޝަރުތުތަކުގެ ތެރޭގައި ދަރަނި ނަގާ ފަރާތުގެ ދާޚިލީ ސިޔާސަތާއި ޚާރިޖީ ސިޔާސަތަށް ދަރަނި ދޭފަރާތަށް ނުފޫޒު ފޯރުވޭފަދަ ޝަރުތުތައްވެސް ހިމެނެއެވެ.
ޗައިނާއިން ނަގާ ލޯނުންތައް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކަށް ސިއްރު ކުރުމަށްވެސް މަޖުބޫރު ކުރާ މާއްދާތައް ހިމަނާފައި ވެއެވެ.
ޕެރިސް ކްލަބަކީ، ދަރަނި ދޭ ގައުމުތަކާއި ޖަމާއަތްތައް ބައިވެރިވާ އިދާރާއެކެވެ. ގައުމަކަށް ދަރަނި ނުދެއްކިއްޖެ ހާލަތެއްގައި ދަރަނި އަލުން ތާވަލު ކުރުމަށް ނުވަތަ ދަރަނި ބޮޑުވެގެން ގައުމަށް ގެއްލުމަކާ ކުރިމަތި ވަނީނަމަ ޕެރިސް ކްލަބަށް ހުށަހަޅައިގެން ދަރަނި އަލުން ތާވަލް ކުރެވެއެވެ. ނުވަތަ މައާފް ކުރެވެއެވެ.
ޕެރިސް ކްލަބުން އެންމެ ފަހުން މައާފް ކޮށްދީފައިވަނީ ސޫދާންގެ ދަރަންޏެވެ. ސޫދާނުގެ ސަރުކާރުން ހުށަހެޅުމުން ޕެރިސް ކްލަބުން ވަނީ 10 އަހަރުގެ ތެރޭގައި ރައްޔިތުންގެ ފުދުންތެރިކަމާއި އިޖުތިމާއީ ހާލަތު ރަނގަޅުކުރުމަށް ސޫދާނުން މަސައްކަތްތަކެއް ކުރުމަށް ލޯނުދީ އެކަން ފުރިހަމަ ކޮށްފިނަމަ ހުރިހާ ލޯނުތައް މައާފް ކުރާން ނިންމާފައެވެ.
ޗައިނާއިން ލޯނު ދޭއިރު ގައުމުގެ ރައްޔިތުންނަށްވެސް ލޯނުގެ އަދަދު ހާމަ ނުކުރުމަށް ޝަރުތުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ލޯނު ދޭފަރާތުގެ ރައްޔިތުންނާއި ލޯނު ނަގާ ފަރާތުގެ ރައްޔިތުން ހިމެނެއެވެ.
ޗައިނާގެ ލޯނުތަކުގެ އެންމެ ބޮޑު ނުރައްކަލަކީ، މައްސަލައެއް ދިމާވާ ހިނދެއްގައި ލޯނު ދެއްކުމަށް ޗައިނާއަށް މަޖުބޫރު ކުރުމުގެ ބާރު މި އެއްބަސްވުންތަކުގައި ޗައިނާއަށް ދީފައި ވުމެވެ. އަދި ލޯނު ނުދެއްކިއްޖެނަމަ، ގައުމުގެ ހަރު މުދަލުން މަންފާ ލިބިގަތުމަށް ހަވާލުކުރަން ޖެހެއެވެ.