މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުންގެ ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނާގޮތުގައި މާލެއިން ފުރައިގެން ނ. އަތޮޅަށް ދިޔަ ބޯޓަކުން މަނަދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަނަދޫ ބަނދަރުމަތިން 31 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ގއ. ދާންދޫގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައިވާއިރު، މި އޮގަސްޓް މަހުގެ 24 ވަނަ ދުވަހު ހިން އެ އޮޕަރޭޝަނުގައި 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި، އެރަށުގެ ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 26 ކަރުދާސްކޮޅު ފެނުމާ ގުޅިގެންކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާކަމަށެވެ.

އޭގެ އިތުުރުން އައްޑޫސިޓީ ހިތަދޫގައި ބަނގުރާ އުފައްދައި އަދި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް އޮޕަރޭޝަނެއް ހިންގާފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މިކަމާއި ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ވަލުތެރެ ބަލައި ފާސްކުރިއިރު ބަނގުރާ އުފެއްދުމަށް ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނާއި ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި ހަތަރު ހަން ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ.