ވަރލްޑް ފުޑް ޕްރޮގްރާމުން އިންޒާރު ކުރިގޮތިގައި އަފްޣާނިސްތާން މިސްރާބު ޖަހަމުން ދަނީ ކާރިސާއަކާ ދިމާއަކަށެވެ. ހަނަފަސްކަމާއި އިތުރު އެހެން ދަތިތަކާ ހެދި، 14 މިލިއަން މީހުން އަފްޣާނިސްތާންގައި ބަނޑަށް ޖެހޭނެކަމަށް ވަރލްޑް ފުޑް ޕްރޮގްރާމުން ބުނެއެވެ. ދެމިލިއަން ކުޑަ ކުދިންވެސް ކާޑު ބަލީގެ ޝިކާރަކަށް ވާނެއެވެ.
އަފްޣާނިސްތާންގައި މިދިޔަ މަސްތަކުގައި ގޮދަނުގެ އަގު ވަނީ 25 އިންސައްތައަށް ބޮޑުވެފައެވެ. އުނދުން ރޯކޮށްލަން މިހާރުވެސް އެތައް ބަޔަކަށް ވަނީ އުގަދޫކަމަށްވެފައެވެ. ކާބުލްއާއި ބޮޑެތި ސިޓީތަކުގައި މީހުން ގެންދަނީ ގެވެހި ސާމާނުތައް ވިއްކަން މަގުތަކަށް ނެރެފައެވެ.
މިއަހަރަކީ، ކުރީ އަހަރުތަކާ ޚިލާފަށް ތާލިބާނުން އެންމެ ގިނައިން ޙަމަލަތައް ދީފައިވާ އަހަރެވެ. މިއަހަރުގެ ތެރޭގައި ހަ ލއްކައާ ކައިރި ކުރާ އަދަދަކަށް މީހުން ވަނީ ބިކަވެ ވިއްސި ވިހާލި ވެފައެވެ. މީގެ އިތުރުން ތާލިބާނުން ދޭން ފެށި ހަމަލަތަކާއެކު ލައްކައާ ކައިރި ކުރާ އަދަދަކަށް މީހުން ވަނީ ކާބުލްއަށް ވަދެފައެވެ. މިމީހުން ޕާކުތަކާއި ދުވާރުގައި ފޭލިގެ ޖަހައިގެން ތިބި އިރު ހިސާބުގެ މީހުން ވަނީ މިމީހުންނަށް ކާން ދީފައެވެ.
ވަރލްޑް ފުޑް ޕްރޮގްރާމުން ބުނާ ގޮތުން އަފްޣާނިސްތާނަށް ވާރޭ ވެހިފައި ނުވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މުޅި ގައުމަށް ވަނީ ޚަރީފް މޫސުމަކާ ކުރިމަތިލާން ޖެހިފައެވެ. ބޯފެނަށް ޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ބުނެފައި ވެއެވެ.
އަފްޣާނިސްތާން ދޫކޮށް އަވަށްޓެރި ގައުމެއްގެ ސަރަހައްދަކަށް ވަދެއްޖެނަމަ ވަރލްޑް ފުޑް ޕްރޮގްރާމުން މީހުންނަށް އެހީދޭން ތައްޔާރަށް ތިބި ކަމަށް ބުނެފައި ވެއެވެ. އދގެ ކާނާއާ ބެހޭ ޖަމުއިއްޔާއިން ބުނެފައި ވަނީ އަފްޣާނިސްތާނަށް މިވަގުތަށް 200 މިލިއަން ޑޮލަރު ބޭނުން ވެއެވެ. އަދި އަވަށްޓެރި އީރާނާއި ޕާކިސްތާނާއި ތަޖިކިސްތާނަށް 22 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.