އެމެރިކާ މީހުން ކުރާ ކޮސްކަންތައްތައް ގިނަ ކަމުން މިހާރު އެކަންކަން ޖޯކަކަށްވެސް ނުފުދެއެވެ. އަފްޣާނިސްތާނުން ބޭރުވާން ބޭނުންވާ މީހުން އެއަރޕޯޓް ސަރަހައްދަށް ވަދެ އުޅުމުން އެމީހުން ބޯޓުތަކަށް ލައިގެން އެމެރިކާއިން ސަލާމަތުގެ އައްސޭރިއަށް ގެންދެއެވެ.

އެމެރިކާ މީހުންގެ އޮޕަރޭޝަންތަކުގައި ސަލާމަތުގެ އައްސޭރިއަކަށް ގެންދެވުނު އެކަކަކީ، ކާބުލް އެއަރޕޯޓަށް ކުޅި ބަލަން ދިޔަ ޕާކިސްތާންގެ ލޮރީ ދުއްވާ މީހެކެވެ.

އަސަދު ޝިންވަރީ އަކީ ޕީޝާވަރުއާ ކާބުލްއާ ދޭތެރޭގައި ލޮރީ ދުއްވައި އުޅޭ މީހެކެވެ. އޭނާގެ ޚަބަރެއް ނުވާތީ ތިން ދުވަސް ވުމުން އާއިލާއިން ހީކުރީ ކާބުލްގެ ހަލަބޮލިކަމުގެ ތެރޭގައި އޭނާ މަރުވީ ކަމަށެވެ.

އާއިލާއިން ފާތިހާ ކިޔަވަން ތައްޔާރު ވަނިކޮށް އެމެރިކާއިން ފޯނުން ގުޅައި، ޝިންވަރީ ޚަބަރު ދިނީ އޭނާ އެމެރިކާގައި ހުރިކަމަށެވެ.

މިވާހަކަ މީސްމީޑިއާގައި އާންމު ވުމުން އަފްޣާން ވީލޮގަރ ފަރްހާން ހޯޑާކް ބުނެފައި ވަނީ އާއިލާތަކުން ގެއްލިގެން އުޅުނު އެތައް ބަޔަކު ކާބުލް އިން ފުރައިގެން ދިޔަ ބޯޓުތަކުގައި ދުނިޔޭގެ އެތައް މިތަނަށް އެތެރެވެފައިވާ ކަމުގެ މަޢުލޫމާތު މިހާރު އާއިލާތަކަށް ލިބިފައިވާ ކަމަށެވެ.