ޗައިނާއިން ޓައިވާނަށް ޖާސޫސް ކުރުން ހުއްޓުވުމުގެ މަގްސަދުގައި ޓައިވާނުން ދަނީ ގައުމީ ސަލާމަތާ ބެހޭ ގާނޫނު އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ޗައިނާއަށް ތުހުމަތު ކުރެވެނީ ޓައިވާންގެ ސެމީކޮންޑަކްޓަރއާއި ކޮމްޕިއުޓަރ ޗިޕް އުފައްދާ ކުންފުނިތަކުގައި މަސައްކަތްކުރާ އިންޖިނޭރުން ވަގަށް ގެންދަން ޗައިނާއިން މަސައްކަތް ކުރާ ކަމަށެވެ. މީގެ އިތުރުން ޗައިނާއިން ކޮމިއުޓަރ ވިއުގައަށް ޖާސޫސްކޮށް ހައްސާސް މައުލޫމާތު ވަގަށް ނަގާކަމަށްވެސް ތުހުމަތު ކުރެވެއެވެ.

ޓައިވާނުން ނިންމާފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތަށް ޖާސޫސް ކުރާ ކޮންމެ ފަރާތެއް ފަސް އަހަރާއި 12 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާ ގޮތަށް ގާނޫނަށް ބަދަލު ގެންނާށެވެ.

ޓައިވާނަކީ، ދުނިޔޭގައި އެންމެ ކުރިއަރާފައިވާ ކޮމްޕިއުޓަރ ޗިޕް އުފައްދާ ކުންފުނިތައް ހުންނަ ގައުމެވެ. ޓައިވާންގެ ކުންފުނިތަކުން އެމެރިކާގައިވެސް ޗިޕް އުފައްދައެވެ. އެމެރިކާގެ ވިޔަފާރި ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއަށް ކޮމްޕިއުޓަރ ޗިޕްތައް ވިއްކުން ވަނީ މަނާކޮށްފައެވެ.

ޗައިނާއިން 19 މިލިއަން ޑޮލަރު ހޯދައިގެން ޗައިނާއަށް ކޮމްޕިއުޓަރ ޗިޕް އުފައްދާ ފެކްޓްރީއެއް ހަދައިދޭން އުޅުނު ޓައިވާންގެ ފަސް މީހަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ. މި ހަތަރު މީހުންނަށް ތުހުމަތު ކުރެވިފައި ވަނީ އިތުރު 100 އިންޖިއަރުން ޗައިނާއަށް މަސައްކަތް ކޮށްދޭން މިމީހުން ހޯދައި ދިންކަމަށެވެ. މިމީހުންގެ ޝަރިއަތް ދަނީ ކުރެވެމުންނެވެ.