ޗައިނާގެ އެންމެ މަގްބޫލު ފަންނާނުންގެ އޮފު ކަނޑުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރެވެއެވެ. ޗައިނާ ސަރުކާރަށް މިތުހުމަތުތައް ކުރެވެނީ، ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ބޮޑެތި ވިޔަފާރި ވެރިންނަށްވެސް ފިޔަވަޅު އަޅަމުން ދަނޑިވަޅެއްގައި ފަންނާނުންނާ ދެކޮޅަށްވެސް ފިޔަވަޅުތައް އަޅަމުން ދިއުމާ ގުޅިގެންނެވެ.
ޗައިނާއިން ވަނީ އެކްޓްރެސް ޝެންގ ޝުއާންގއަށް ޓެކްސް ނުދައްކާ ކަމުގެ ތުހުމަތު ކޮށްފައެވެ. މިއީ ޗައިނާއާއި މަގްބޫލުކަން އެންމެ މަތީގައި އުޅޭ އެކްޓްރެސްއެވެ. އޭނާއަށް ސަރުކާރުން ވަނީ އޭނާއަށް 46 މިލިއަން ޑޮލަރު ޓެކްސްއާއި ޖުރިމާނާގެ ގޮތުގައި ދެއްކުމަށް އަންގާފައެވެ.
އޭނާއަށް ތުހުމަތު ކުރެވިފައި ވަނީ ސަރުކާރުން އަންގާފައިވާ ވަރަށް ވުރެން އިތުރަށް މުސާރަ ލިބިގަތުމާއި ޗައިނީސް ގޯސްޓް ސްޓޯރީ ނަމަކަށް ކިޔާ ސިލްސިލާއެއްގެ 77 ދުވަހުގެ ޝޫޓިންގއަށް 24 މިލިއަން ޑޮލަރު ހޯދިކަމަށެވެ.
އުމުރުން 29 އަހަރުގެ ޝެންގއަކީ ޗައިނާގެ އެންމެ މަގްބޫލު އަދި އެންމެ މަތިން ފައިސާ ނަގާ އެކްޓްރެސްއެވެ.
މީގެ އިތުރުން މަގްބޫލު އެހެން އެކްޓަރެއްކަމަށްވާ ޒާއޯ ވެއިއާ ދެކޮޅަށް ހިންގާ ކެމްޕޭނާ ގުޅިގެން އޭނާގެ ވީޑިއޯތައް ސްޓީމިންގ ވެބްސައިޓްތަކުން ސަރުކާރުގެ އެންގުމަށް ވަނީ ފޮހެލާފައެވެ.
ޗައިނާ ސަރުކާރުން ބުނާ ގޮތުން ފިލްމީ ދާއިރާގައި އަށަގެންފައިވާ ނުރަނގަޅު ސަގާފަތާއި ފަންނާނުންގެ ފޭނުންގެ މެދުގައި އޮންނަ މަގްބޫލުވެރިކަމުގެ ވާދަވެރި ހަލަބޮލި ސަގާފަތް ރޫޅާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މިފަހަކަށް އައިސް ޗައިނާގައި އެންމެ މަގްބޫލު ތަރިންގެ އެތައް ފަޟީހަތެއްވެސް މީސްމީޑިއާގައި ރިޕޯޓް ކޮށްފައި ވެއެވެ. އޭގެ ތެރޭން އެއް މައްސަލައަކީ ރޭޕްގެ ތުހުމަތުގައި މިމަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވާ ލަވަކިޔުންތެރިޔާ ކްރިސް ވޫގެ މައްސަލައެވެ.
ދުނިޔޭގެ އެންމެ އަގުބޮޑު ތަރިންގެ ތެރޭގައި ހިމެނޭ ޗައިނާގެ އެންމެ މަގްބޫލު އެކްޓްރެސްއެއްކަމަށްވާ ފޭން ބިންގބިންގވެސް މިދިޔަ އަހަރު ހަތަރު މަސް ދުވަހަށް ގެއްލުނެވެ. ފަހުން އެނގުނު ގޮތުގައި އޭނާ ހުރީ ޓެކްސްއަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ޗައިނާ ސަރުކާރުން ބަންދުކޮށްފައެވެ.
އޭނާ މިނިވަން ކުރިފަހުން އާންމުކޮށް ފެނިފައި ވަނީ މަދު ފަހަރެއްގައެވެ. ނިއުޔޯރކް ޓައިމްސްއިން ބުނާ ގޮތުގައި އޭނާ މިހާރު ފެންނަނީ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕްރޮޕެގެންޑާ މުނާސަބާތަކުގައި އެކަންޏެވެ.