ޔުވެންޓަސްއަށް ކުޅެމުންދިޔަ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ ދެއަހަރުގެ އެއްބަސްވުމެއްގެ ދަށުން އޭނާގެ ކުރީގެ ކްލަބު މެންޗެސްޓަރ ޔުނައިޓެޑަށް މިރޭ ބަދަލުވެއްޖެއެވެ.

ޔުވެންޓަސްއިން ޔުނައިޓެޑަށް ރޮނާލްޑޯ ވިއްކާލީ 13 މިލިޔަން ޕައުންޑަށް ކަމަށް އިޓަލީގެ އިތުބާރު ހުރި މީޑިޔާ ރިޕޯޓުތައް ބުނެއެވެ. އަދި ޔުނައިޓެޑުން ރޮނާލްޑޯ ދޭނީ ހަފްތާއަކަށް 270،000 ޕައުންޑުގެ މުސާރައެއް ކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯގެ އެޖެންޓް މެންޑެޒް، ރޮނާލްޑޯ ވިއްކާލުމަށް މިފަހަރު އެންމެ ބޮޑަށް މަސައްކަތް ކުރީ މެން.ޔުނައިޓެޑާ ވާދަވެރި މެންޗެސްޓަރ ސިޓީއަށެވެ. އެކަމަކު ޔުވެންޓަސްއިން ބޭނުންވާ ވަރުގެ ޓްރާންސްފާ ފީއަކާއި ރޮނާލްޑޯ،36، ޑިމާންޑް ކުރާވަރުގެ މުސާރައެއް ދިނުމަށް މެން.ސިޓީގެ ވެރިންނަށް އެއްބަސްވުމަކަށް ނާދެވުނީ ކަމަށް މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

ރޮނާލްޑޯއަކީ މެންޗެސްޓަރ ޔުނައިޓެޑުގެ ތާރިހުގައި އެކްލަބަށް ކުޅެދިން އެންމެ މޮޅު އެއްކުޅުންތެރިޔާއެވެ. ސަރ އެލެކްސް ފާގަސަންގެ އިރުޝާދުގެ ދަށުން 2003 އިން 2009 އަށް މެންޗެސްޓަރ ޔުނައިޓެޑަށް 196 މެޗް ކުޅެދީ އެކްލަބަށް 84 ލަނޑު ރޮނާލްޑޯ ވަނީ ކާމިޔާބު ކޮށްދީފައެވެ. މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށް އޭރުގެ ދުނިޔޭގެ ފީއެއްކަމުގައިވާ 80 މިލިޔަން ޕައުންޑަށް ރެއާލް މެޑްރިޑަށް ރޮނާލްޑޯ ބަދަލުވީ 2009 ވަނަ އަހަރުގެ ޖޫން ގައެވެ. ރެއާލް ދޫކޮށް ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ 2018 ވަނަ އަހަރުގެ ޖުލައި މަހު ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ޔުވެންޓަސްގެ ކޮންޓްރެކްޓް ހަމަވާން ގާތްގަނޑަކަށް ބާކީ އެއްއަހަރަށް ވެފައިވާއިރު އެކްލަބު ދޫކޮށްލަން ބޭނުންވާ ކަން ރަސްމީކޮށް ރޮނާލްޑޯ ހާމަކުރީ އިއްޔެގެ ވަގުތެއްގައެވެ.

ރޮނާލްޑޯ އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް އައުމުން، އޭނާއާއެކު ކުރިން އެކްލަބަށް ކުޅުނު ބައެއް ކުޅުންތެރިންނާއި އެކްލަބުގެ ކުރީގެ ލެޖެންޑުން އަދި ސަޕޯޓަރުން ގެންދަނީ އުފާފާޅު ކުރުމުގެ ޝުއޫރުތައް ސޯޝިއަލް މީޑިޔާގައި ހާމަ ކުރަމުންނެވެ.