ސަޕޯޓަރުން އުފާކޮށްދޭން ބޭނުން – އާޓެޓާ

އަބަދުވެސް ބޭނުންވަނީ އާސެނަލްގެ ސަޕޯޓަރުން އުފާކޮށްދޭން ކަމަށާއި ޕްރިމިއަރ ލީގުގައި މިއަދު ހަވީރު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނާނީވެސް އެކަން ހާސިލް ކުރުމަށް ކަމަށް އެކްލަބުގެ ކޯޗް މައިކަލް އާޓެޓާ ބުނެފިއެވެ.

އާޓެޓާ ބުނީ އިނގިރޭސި ލީގް ކަޕުގައި މިދިޔަ ހަފްތާގައި ވެސްޓް ބްރޮމްގެ މައްޗަށް 6-0 އިން ކުރި ހޯދިފައި އޮތުމަކީ މިއަދު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު ކުޅުންތެރިންނަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ. "ކުޅުންތެރިން މަސައްކަތް ކުރާނެ ސަޕޯޓަރުން އެދޭފަތަ ނަތީޖާތައް ނެރުމަށް. އެއީ ޔަގީން ކަމެއް. ކުޅުންތެރިން ބޭނުންވޭ ސަޕޯޓަރުންނަށް އުފާވެރިކަން ގެނުވަން" އާޓެޓާ ބުންޏެވެ.

މީގެ އިތުރުން އާޓެޓާ ބުނީ މެންޗެސްޓަރ ސިޓީއަކީ ލީގް ޗެމްޕިއަންކަން ޓީމުކަން ހަނދާން ކުރަންޖެހޭ ކަމަށާއި އެޓީމުގެ ދަނޑުގައި ޕޮއިންޓެއް ލިބުމަކީވެސް ސީޒަނުގައި ކުރިއަށް ހުރި މެޗުތަކަށް ލިބިގެންދާނެ ހިތްވަރެއް ކަމަށެވެ.

މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ނިކުންނައިރު އާސެނަލްއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމެވެ. "ރަނގަޅު ނަތިޖާތަކެއް ނެރުމަށް ޓީމުގެ މުހިއްމު ކުޅުންތެރިން ފިޓްކޮށް ތިބުމަކީވެސް މުހިއްމު ކަމެއް. މުހިއްމު ކުޅުންތެރިންނާއެކު ނިކުމެ ވަރަށް ގިނަ ކަންކަން އަހަރެމެންނަށް ރަނގަޅު ކުރެވޭނެ" ޓީމަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކަށް އިޝާރާތް ކުރަމުން އާޓެޓާ ބުންޏެވެ.

ކޮވިޑް ޖެހުމާއި ގުޅިގެން ފިޓްނަސް ލެވެލް ދަށްވެފައިވާތީ، މިސީޒަނަށް ބޮޑު އަގުގައި އާސެނަލްއިން ގެނައި ޑިފެންޑަރު ބެން ވައިޓަށް މެން.ސިޓީއާ ދެކޮޅަށް ކުޅެވޭނެކަމަށް ނުބެލެވޭއިރު މުހިއްމި މިޑްފީލްޑަރު ތޯމަސް ޕާޓޭ އާއި އެޑީ ކެޓިއާއަށް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވޭނެކަން ވަނީ ޔަގީން ވެފައެވެ. އެކަމަކު މުހިއްމި ވިންގަރ ބުކަޔޯ ސަކާ އާއި ޑިފެންޑަރު ހެކްޓަރ ބެލަރިން ވަނީ އަނިޔާއިން ސަލާމަތްވެ އެންމެފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

އާސެނަލްގެ ކެޕްޓަން އަބަމަޔަންގ ވެސްޓް ބްރޮމް ކޮޅަށް ލަނޑު ޖެހުމަށްފަހު އުފާފާޅު ކުރަނީ: މިއަދު މެންޗެސްޓަރ ސިޓީއާ ދެކޮޅަށް މުހިއްމު ދައުރެއް އަދާކުރާނެ.

ލީގުގައި މިސީޒަނުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް ބަލިވެ، ގެއްލުން ހަތަރު ލަނޑާއެކު އާސެނަލް އޮތީ ޕޮއިންޓު ތާވަލުގެ ފުލުން ދެވަނައިގައެވެ. ދެމެޗުގައި އާސެނަލްއަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މެންޗެސްޓަރ ސިޓީއަށް ބަލާއިރު ފުރަތަމަ މެޗުގައި 1-0 އިން ޓޮޓެންހަމް އަތުން ބަލިވިނަމަވެސް ދެވަނަ މެޗުގައި ނޯވިޗުގެ މައްޗަށް 5-0 އިން ވަނީ ކުރި ހޯދާފައެވެ.

މިދިޔަ ސީޒަނުގެ މެދުތެރެއިން ކަހަލަ ގޮތަކަށް އާސެނަލްއާ ހަވާލުވުމުގެ ކުރިން އާޓެޓާ މަސައްކަތް ކުރީ މެންޗެސްޓަރ ސިޓީގައި އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާގެ އެހީތެރިޔަކަށެވެ.

އާސެނަލް އާއި މެންޗެސްޓަރ ސިޓީ ބައްދަލު ކުރާ މެޗް ފަށާނީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:30 ގައެވެ.