ޗައިނާއިން ޝިންޖިއާންގައި ހަދާފައިވާ އިސްލާހިއްޔާ ހުރަގެތަކަށް ލާފައިވާ މުސްލިމުންގެ ދަރިންނަށް އިބްތިދާއީ އިސްކޫލުގައި ޗައިނާގެ ކޮމިއުނިސްޓު ފިކުރަށް އެކުދިން ހޭނުވުމަށް ޚާއްސަ ތަޢުލީމެއް އުގަންނައި ދޭން ފަށައިފިއެވެ. އުއިގޫރު ބަޔަކާ ޙަވާލާދީ ރޭޑިއޯ ފްރީ އޭޝިއާއިން ބުނިގޮތުގައި ހުރަގެއަށް ލާފައިވާ މުސްލިމުންގެ ކުދިންނަށް މި ޚާއްސަ ދަރުސްތައް ދޭން ފެށުމުން އެކުދިންނަށް ވަނީ އާތިފީ ގޮތުން ނުކުޅެދުންތެރިކަމަކާ ދިމާވެފައެވެ. އަދި މިކުދިންގެ އިސްކޫލު މާކްސްތައްވެސް ދަށްވާން ފަށާފައިވާކަން ފާހަގަ ކުރެވޭކަމަށްވެސް ބުނެއެވެ.

2017 އިން ފެށިގެން މުސްލިމުންގެ 1.8 މިލިއަން މީހުން ޗައިނާ އިން އިސްލާހިއްޔާތަކެއް ހަދައިގެން އެތަންތަނަށް ލާފައިވާ ކަމަށް އދއާއި އިންސާނީ ހައްގަށް މަސައްކަތް ކުރާ ފަރާތްތަކާއި ދުނިޔޭގެ ގައުމުތަކުން ބުނެއެވެ.

މި ހުރަގެތަކުގެ މަގްސަދަކީ ޗައިނާގެ ކޮމިއުނިސްޓް ވަންތަކަމާ ދެކޮޅު ޝުއޫރެއް އެއްވެސް މުސްލިމު މީހެއްގެ ކިބައިގައި އަށަނުގަތުމަށް ޓަކައި މީހުންގެ ސިކުނޑި ދޮވެލުމެވެ.

ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ހިންގާ މިހަރަކާތާ ދެކޮޅަށް މީހުން ޝުއޫރުތައް ފާޅުކޮށްފައި ވަނީ މީހުންގެ ނުރުހުމުގައި މިތަންތަނަށް މީހުންލާތީއާއި އަދި ޝައްކުކުރެވޭ މީހުންނާ ސުއާލު ކުރުމަކާ ނުލައި ނިޒާމުން ގެއްލުވާލުމަށް މިތަންތަން ބޭނުން ކުރާތީއާއި މިތަންތާނގައި މީހުންނަށް އަނިޔާ ކުރާތީއެވެ. އަދި އަންހެނުންގެ އިއްފަތް ފޭރިގަންނަކަމަށްވެސް ތުހުމަތު ކުރެވެއެވެ.

ޝިންޖިއާންގައި އުއިގޫރު މުސްލިމު ދަރިކޮޅުގެ 12 މިލިއަން މީހުން ދިރިއުޅެއެވެ.