އިސްލާމް މާއްދާގެ ކަރިކިއުލަމް ރިވިއުކޮށް، އިސްލާމް ކިޔަވައިދިނުމަށް ރާއްޖެއިން ބޭރުން ބައެއް ޓީޗަރުން ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިސްނަމުންދާ ކަމަށް ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި، އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ކަންކަން ބެލުމަށް އެކުލަވާލާފައިވާ 'މޭހައެއް ކޮމެޓީ"ގެ މުގައްރިރު ހަސަން އަފީފް ވިދާޅުވީ އެ ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީއާ ބައްދަލުކުރެއްވި ކަމަށާއި އެ ބައްދަލުވުމުގައި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވާހަކަތަކެއް ދެކެވިފައިވާ ކަމަށެވެ.
އެގޮތުން އެ ބައްދަލުވުމުގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ސްކޫލް ކުދިންގެ ވިސްނުން ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަން އެ މިނިސްޓްރީން ހާމަކުރި ކަމަށް އަފީފް ވިދާޅުވިއެވެ. އެގޮތުން ރަށްރަށުގައި ހަރުކަށި ފިކުރަށް ހެއްލޭ ބައެއް ކުދިން ފާހަގަކުރެވިފައިވާ ކަމަށާއި އެ ކުދިންނަށް އަމާޒުކޮށް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.
އަދި ހަރުކަށި ފިކުރު ފަތުރާ ފަރާތްތަކުން ޓާގެޓް ކުރަނީ ނިކަމެތި ކުދިންނަށް ކަމަށާއި މިފަދަ ކަންކަން ހުއްޓުވުމަށް ޓީޗަރުން ވެސް ހާއްސަ ޕްރޮގްރާމްތަކެއް ހިންގަމުންދާ ކަމަށް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އަފީފް ވިދާޅުވިއެވެ. އޭގެއިތުރުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއާ ގުޅިގެން ސޯޝަލް ސްޓަޑީސް ކަރިކިއުލަމް ރިވައިސް ކުރަމުންދާ ކަމަށްވެސް މިނިސްޓަރާއި ހަވާލާދީ އަފީފް ވިދާޅުވިއެވެ.
"މިނިސްޓްރީން އެބަވިސްނާ ކޮންމެވެސް ވަރަކަށް އިސްލާމް ޓީޗަރުން ބޭރުން ވެސް ގެނައިސްގެން ކުދިންނަށް އުނގަންނައިދިނުމަށް،" އަފީފް ވިދާޅުވިއެވެ.
އިންޓަނެޓް މެދުވެރިކޮށް ސްކޫލް ދަރިވަރުން ހަރުކަށި ފިކުރަށް ގްރޫމް ކުރާކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީއަށް ލިބިފައިވާ ކަން ފާހަގަކޮށް އަފީފް ވިދާޅުވީ މިނިސްޓްރީގެ ފަރާތުން އެކަންކަން ބެލެނިވެރިންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.