ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ސޯޝަލް ހައުސިންގ ސްކީމުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކަށް ފަސޭހަކާއެކު ފައިނޭންސިންގ ފޯރޮކޮށްދިނުމަށް ތައާރަފް ކުރި ހޯމް އިމްޕްރޫވްމަންޓް ލޯނާއި ފައިނޭންސިންގ އަށް ހެޔޮ ބަދަލުތަކެއް ގެނެސްފިއެވެ.

މިއަދު ގެނެވުނު ބަދަލާއެކު، ކަސްޓަމަރުންނަށް މިހާރު އިތުރު ފަރާތަކާއެކު ލޯނަށް އެދި ހުށަހެޅޭނެއެވެ. އަދި ހުށަހަޅާ ފަރާތަކީ އާމްދަނީ ލިބޭ ފަރާތަކަށް ވާންވާނެއެވެ. މިގޮތުން އާމްދަނީގެ ގޮތުގައި މުސާރަ، ކުލި، ވިޔަފާރިން ލިބޭ އާމްދަނީ ގެ އިތުރުން އެހެނިހެން އާމްދަނީ ލޯނަށް ހުށަހަޅާއިރު ބަލައިގަނެވޭނެއެވެ. ލޯނުގައި ބައިވެރިވާ އިތުރު ބައިވެރިންނަކީ ލޯނު ނަގާފަރާތް ނުވަތަ ފްލެޓްގެ ވެރިފަރާތާއި އާއިލީ ގޮތުން ގުޅުން ހުރިފަރާތެއް ކަމުގައިވާންވާނެއެވެ. މި ގޮތުން އާއިލާގެ މަންމަ، ބައްޕަ، ކައިވެނީގެ ގޮތުން ގުޅުންހުރި ފަރާތްތައް، އެއްބަނޑު / އެއްބަފާ މީހުން، ދަރިން، މާމަ، ކާފަ އަދި މާމަ/ކާފަ ދަރިން ހިމެނިދާނެއެވެ.

ހޯމް އިމްޕްރޫމަންޓް ލޯނުގެ ދަށުން އައު ފްލެޓްތަކުގެ ފިނިޝިންގ އަދި ފަރުނީޗަރު ބޭނުންތަކަށް ކަސްޓަމަރުންނަށް 25،000 ރުފިޔާއިން ފެށިގެން 150،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ. ރަހުނަކާ ނުލާ ދޫކުރާ އެހެން ލޯނުތަކަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއް ކަމަށްވާ %12 ގައި ދޫކުރާ މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މި ބަދަލާއެކު، ހިޔާ ފްލެޓް ލިބުން ފަރާތްތަކަށް ތައާރަފް ކުރެވުނު ލޯނުގެ އިތުރުން އަމިއްލަ ފަރާތްތަކުން ފްލެޓް އަދި ރޯ ހައުސް ގަނެފައިވާ ކަސްޓަމަރުންނަށް ގަނެފައިވާ ތަނުގެ ފިނިޝިންގ މަސައްކަތަށާއި ފަރުނީޗަރު ގަތުމަށް ބޭންކުން ތައާރަފް ކުރި ހޯމް އިމްޕްރޫމަންޓް ލޯން ޕްލަސް ލޯނަށްވެސް ވަނީ މި ބަދަލުތައް ގެެނެވިފައެވެ.

މި ލޯނުގެ ދަށުން ޝަރުތު ހަމަވާ ފަރާތްތަކަށް 25،000 ރުފިޔާ އިން ފެށިގެން 300،000 ރުފިޔާ އާ ހަމަޔަށް ލޯނު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ލޯނުގެ ފައިސާ އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ހަމަޖެހިފައިވާއިރު އެއްވެސް ރަހުނެއް ބަހައްޓަން ނުޖެހޭނެއެވެެ. މިލޯނުވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ރަހުނަކާ ނުލާ ބޭންކުން ދޫކުރާ ލޯނުތަކުގެ އިންޓްރެސްޓް ރޭޓަށް ވުރެ ދަށް އަދަދެއްކަމަށްވާ %12 ގައެވެ.

މި ބަދަލުތައް ބީއެމްއެލް އިސްލާމިކް ގެ ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ އަދި ހޯމް އިމްޕްރޫވްމަންޓް ފައިނޭންސިންގ ޕްލަސް އަށް ވެސް ވަނީ ގެނެވިފައެވެ.