ކ. ރަސްފަރީ ފަރަށް އުރުނު ބޮޑު އާގު ބޯޓު މިއަދު ފުންކޮށްފި އެވެ.

އެމްއެންޑީއެފުން ބުނީ މި ބޯޓު ފުންކޮށްފައިވަނީ މިއަދު 14:08 ހާއިރު ކަމަށެވެ. އަދި ބޯޓު ފުން ކުރީ ކޯސްޓްގާޑާއި ކަމާ ގުޅުން ހުރި އިދާރާތަކާއި ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

އެމް.ވީ ނަވިއޯސް އަމާރީލިސް (ބަލްކު ކެރިއާ) މިއަދު ފުންކޮށްފައިވަނީ އެކަމަށް ޚާއްސަ ސެލްވޭޖް ކުންފުންޏެއްގެ ބެލުމުގެ ދަށުން ނެވެ. އަދި ބޯޓުގެ ވެރިފަރާތުން ރާއްޖެ ގެނައި ދެ ޓަގު މެދުވެރިކޮށް ކަމަށް ވެސް އެ މަސައްކަތުގައި ހަރަކާތްތެރިވާ ރާއްޖޭގެ އޭޖެންޓް ވަނީ މައުލޫމާތު ދީފައެވެ.

ބޯޓު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބިފައިވާ ގެއްލުންތައް ދެނެގަނެ އެ ގެއްލުމުގެ ބަދަލު ލިބޭ އެއްބަސްވުމަކަށް އައުމުގެ ކުރިން ބޯޓު ފުރަން ބޭނުން ވާ ނަމަ، 100 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ދެއްކުމަށްފަހު ނޫނީ ނުފުރޭނެ ކަމަށް އީޕީއޭ އިން ވަނީ ބުނެފައެވެ.

ހިމާޔަތް ކޮށްފައިވާ އެ ފަރަށް ލިބުނު ގެއްލުން ދިރާސާ ކުރުމުގެ މަސައްކަތް އީޕީއޭ އިން ކުރަމުން އަންނަ އިރު، ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވަނީ މިހާތަނަށް ބެލިބެލުމުން އެ އުޅަނދުން ތިމާވެއްޓަށް ނޭދެވޭ އަސަރުކުރާނެ އެއްވެސް އެއްޗެއް ކަނޑަށް ބޭރުވެފައި ނުވާ ކަމަށެވެ.