އެމްޓީސީސީ އިން ހޮޓްލައިނެއް ތައާރަފް ކޮށްފި އެވެ.

މި ނަމްބަރު ތައާރަފް ކޮށްފައިވަނީ ހޮޓެލް ޖެންގެ ބޯލް ރޫމްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ކުންފުނީގެ ހޮޓްލައިން 1650 ލޯންޗުކޮށްދެއްވީ އެކުންފުނީގެ ސީއިއޯ އާދަމް އާޒިމް އެވެ.

24 ގަޑި އިރު ޚިދުމަތް ލިބޭ މި ނަމްބަރާއި ގުޅޭގޮތުން އެމްޓީސީސީން ބުނީ ހޮޓްލައިންގެ ބޭނުމަކީ ކުންފުނީގެ ހުރިހާ ޚިދުމަތްތަކާއި، އޮޕަރޭޝަންތަކުގެ މައުލޫމާތު އެއް ނަމްބަރަކުން ކަސްޓަމަރުންނަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިިދިނުން ކަމަށެވެ. އަދި އެ ކުންފުންޏަކީ ތަފާތު ގިނަ ވިޔަފާރިތަކެއްގައި ޝާމިލުވާ ކުންފުންޏެއް ކަމަށެވެ.

މި ނަމްބަރުން އެ ކުންފުނީގެ ހުރިހާ ޑިވިޒަންތަކާއި ގުޅުންހުރި ސުވާލުތަކަށް ޖަވާބު ހޯދޭނެ ކަމަށާއި އެ ކުންފުނީގެ ކަސްޓަމަރުންނާ ކޮންޓެކްޓް ކުރަން މިހާރު ބޭނުންކުރާ ނަންބަރުތައް މަސްދުވަސްތެރޭ ބޭނުންކުރުން ހުއްޓާލާނެ ކަމަށެވެ.

މި ހޮޓްލައިނާއެކު 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ގާއިމުކޮށް، އެކަމަށް މުވައްޒަފުން ތަންރީނު ކޮށްފައިވާ ކަމަށް ވެސް އެމްޓީސީސީ އިން ބުންޏެވެ.

މީގެއިތުރުން ހިލޭ ޚިދުމަތް ލިބޭ މި ހޮޓްލައިނާއެކު، އެމްޓީސީސީގެ ވަކިވަކި ނަންބަރުތަކަށް ގުޅައިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ހޯދުމުގެ ބަދަލުގައި، ލުއިފަސޭހަކަމާއެކު އެއް ނަންބަރަކުން ހުރިހާ ބާވަތެއްގެ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.