ޗައިނާގެ އިގްތިސާދަށް ހުތުރުއަރާ ފަދަ ވާހަކަތައް ފަތުރާ މީސްމީޑިއާގެ އެކައުންޓްތަކާއި ވިޔަފާރި ޚަބަރު ގެނަސްދޭ ޕްލެޓްފޯމްތައް ސާފުކުރުމުގެ މަސައްކަތާ ގުޅޭ ދެމަސްދުވަހުގެ ކެމްޕޭނެއް ޗައިނާ ސަރުކާރުން ފަށާފައިވާ ކަމަށް ބްލޫމްބަރގް އިން ރިޕޯޓް ކުރެއެވެ.
ސައިބާސްޕޭސް އެޑްމިނިސްޓްރޭޝަން އޮފް ޗައިނާއިން ކުރި އިޢްލާނެއްގައި ބުނެފައި ވަނީ ޗައިނާގެ މާލީ ދާއިރާގެ ވާހަކަތައް ނޭދެވޭ ގޮތަކަށް ގެނެސްދޭ މީޑިއާއާއި އަދި ޗައިނާގެ ސަރުކާރުގެ ސިޔާސަތުތައް މީހުންނަށް އޮޅޭ ގޮތަށް ގެނަސްދޭ މީޑިއާގެ ވަސީލަތްތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.
މީގެ އިތުރުން މިއިޢުލާނުގައި ބުނެފައި ވަނީ ޗައިނާގެ މާލީ ދާއިރާއަށް ހުތުރުވާގޮތަށް ބޭރުގެ ނޫސް އިދާރާތަކުން ގެނަސްދޭ ޚަބަރާއި ތަޙުލީލުތަކާމެދު އަމިއްލަ ޚިޔާލެއް ނުވަތަ މާނަކުރުމެއް ނެތި ގެނެސްދޭ ފަރާތްތަކާ މެދުވެސް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
މިއީ ދެމެހެއްޓެނިވި ހަރުދަނާ ގޮތެއްގައި އޮންލައިންކޮށް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ މާހައުލެއް އުފެއްދުމަށް ކުރާ މަސައްކަތެއް ކަމަށް އިޢްލާން ގައި ބުނެފައި ވެއެވެ.
މި އިޢުލާނާ ބުނެފައިވާ ގޮތާ ޚިލާފްވާފަދަ ގޮތަކަށް މިހާރުވެސް މަޢުލޫމާތު ފަތުރާފައިވާ ވެބްސައިޓްތައް ޗައިނާ ސައިބާ ސެކިއުރިޓީ އިދާރާއާއި މަރުކަޒީ ބެންކާއި ފިނޭންސް މިނިސްޓްރީއާއި ބޭންކްތަކާއި އިންޝޫރެންސްގެ ދާއިރާގެ ގާނޫނު ތަންފީޒުކުރާ ފަރާތުގެ ބެލުމުގެ ދަށުން ބަންދު ކުރުމަށް އެންގޭނެ ކަމަށްވެސް ބުނެފައި ވެއެވެ.
ޗައިނާގައި މަޢުލޫމާތު ފެތުރުމުގެ ދާއިރާގައި އުޅޭ ބޮޑެތި ކުންފުނިތައް ކަމަށްވާ ޓެންސެންޓާއި ބައިޓްޑާންސްފަދަ ކުންފުނިތަކުން ވަނީ ޗައިނާގެ މި ގަވާއިދަށް ޙުރުމަތްތެރިކޮށް ހިތާނެކަމުގައި ބުނެފައެވެ.