އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ރައީސް ސޯލިހު އާ ބައްދަލުކުރުމަށް ރައީސް އޮފީހަށް ވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުސްވަގުތުކޮޅަށް ހެނދުނު 10:30 ގައި މަޖިލީހުގެ ޖަލްސާ މެދުކަނޑާލުމުން ޕީޕީއެމް އާއި ޕީއެންސީ އަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެންބަރުން ރައީސް އޮފީހަށް ވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރެއްވުމަށް އެދިވަޑައިގަތުމުން މަޑުކޮށްލެއްވުމަށް ދަންނަވާފައިވާ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

މި ބައްދަލުވުމަށް ފަހު، ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވީ، އިދިކޮޅު މަޖިލިސް މެންބަރުން ރައީސް އޮފީހަށް ވަޑައިގަތީ ރައީސް ސޯލިހުއާ ބައްދަލުކޮށް ހުށަހެޅުމެއް ހުށަހަޅުއްވަން ކަމަށެވެ.

އެ ހުށަހެޅުމަކީ ރީތި ގޮތުގައި ރައީސް ސޯލިހު މަގާމުން އިސްތިއުފާ ދެއްވުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރައްވައި ނިޒާމް ގެއްލުވާލުމަށް މަސައްކަތް ކުރާތީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމުގެ ނަން އިއްވައި ޖަލްސާއިން ބޭރު ވެސް ވަނީ ކޮށްފައެވެ. ޝިޔާމް ބޭރުކުރި ނަމަވެސް ދެން ތިއްބެވި އިދިކޮޅު މެންބަރުން ވަނީ އަޑުގަދަކުރައްވައި އިހުތިޖާޖު ކުރިއަށް ގެންދަވާ އެވެ.