ތާލިބާނުން މަސައްކަތް ކުރަނީ އެމީހުންނަކީ ބަދަލުވެފައިވާ މެދު މިނުގެ ބަޔެއްކަން ދައްކާށެވެ. ނަމަވެސް އަމަލުތަކުން ތާލިބާނަށް އެކަމެއް ނުދެއްކެއެވެ. ތަޖުރިބާކާރުންނާއި އަފްޣާނިސްތާންގެ މަސްރަހު ދިރާސާ ކުރާ ފަރާތްތަކުންވެސް ބުނަނީ ހަމަ އެފަދައިންނެވެ.

މީސްމީޑިއާގައި މިވަގުތު އެނބުރެމުންދާ އެންމެ ހޫނު ވީޑިއޯއަކީ އަފްޣާނިސްތާންގެ ޕީސް ސްޓޫޑިއޯގެ ވީޑިއޯއެކެވެ. މި ވީޑިއޯގައި ޚަބަރު ކިޔާން އިން މީހާ ބުނަމުން ދަނީ ތާލިބާނަށް ބެލުމަށް ބިރުގަނެގެން ނުވާނެ ކަމަށެވެ. ބަޑި ހިފައިގެން ތިބި މީހުން ވަށާލާފައިވާ މިމީހާ ޚަބަރު ކިޔަމުންދާއިރު އޭނާ ހުރީ އިންތިހާއަށް ބިރު ގަނެފައެވެ.

ތާލިބާނުން މީޑިއާއަށް މިނިވަންކަން ދޭން ވައުދުވި ނަމަވެސް އސެ ވައުދު ފުއްދާފައެއް ނުވެއެވެ. ތާލިބާނުން ނޫސްވެރިންގެ ބޯކޮޅު ބަލަމުންދާ ކަމާއި އެމީހުން ދިރިއުޅޭ ތަންތަނުގެ މަމޢްލޫމާތު ހޯދާކަމާއި ރޭގަނޑު ދަންވަރު ނޫސްވެރިންގެ ގޭގައި ޓަކިޖަހާކަމުގެ މަޢްލޫމާތު އާންމުކޮށްފައި ވެއެވެ.

އަފްޣާން އަންހެން ނިއުސް އެންކަރ ޝަބްނަމް ޚާން ދައުރާން ވަނީ ތާކިބާނުން އަންހެން ނޫސްވެރިން ވަޒީފާއަށް ނިކުތުން މަނާކޮށްފައިވާ ކަމަށް ބުނެ ޓުއިޓާގައި ވީޑިއޯއެއްވެސް ޝާއިއުކޮށް ފައެވެ.