ސޯއި ސޯސް އުފެއްދުމުގައި ދުނިޔޭގެ އެންމެ ނަންހިނގާ ބްރޭންޑަކީ ޖަޕާންގެ ކިއްކޮމަން އެވެ. ރާއްޖޭގައިވެސް މި ވައްތަރުގެ ފުޅިއެއް ލިބެނީ 100 ރުފިޔާއަށެވެ. ކިއްކޮމަންގެ ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން އެކުންފުނިން މިހާރު އަމާޒު ހިފާފައި ވަނީ އިންޑިއާގެ ބާޒާރަށް ވަންނާށެވެ.
އިންޑިއާގެ 1.3 ބިލިއަން މީހުންނަށް ކިއްކޮމަން ކިޔައިދޭން ބޭނުން ވަނީ އިންޑިއާގެ ވައްތަރުގެ ރިހަ ކެއްކުމުގައިވެސް ސޯއިސޯސް ބޭނުން ކޮށްފިނަމަ ރަހަ އިތުރަށް ފުރިހަމަ ވާނެ ކަމަށެވެ.
އިންޑިއާގެ ކާނާއަށް ސޯއި ސޯސް ތައާރަފް ކުރުމާ ދެކޮޅަށް ވާހަކަ ދައްކާ މީހުން ބުނާ ގޮތުން މިކަން ކުރަން ޖަޕާނު ކުންފުންޏަށް ފަސޭހައެއް ނުވާނެއެވެ. ނަމަވެސް އެހެން ބަޔަކު ބުނާ ގޮތުން އެމެރިކާގެ ބާޒާރަށް 1960ގައި ކިއްކޮމަން ސޯއި ސޯސް ތައާރަފް ކުރަން ކުރި މަސައްކަތަށް ވުރެން އިންޑިއާ މީހުންނަށް ސޯއި ސޯސްގެ މުހިންމުކަން ވިސްނައި ދޭން ފަސޭހަވާނެ ކަމަށެވެ.
ޖަޕާނު ކުންފުނިން ބުނާ ގޮތުން އެމެރިކާއަށް ސޯއި ސޯސް ތައާރަފް ކޮށްދޭން އުޅުނު އިރު އެމެރިކާ މީހުން ހީކުރީ ސޯއި ސޯސްގެ ކުލަ ކަޅުކަމުން އެއީ ފަނިފަކުސަ ބޭނުންކޮށްގެން ހަދާފައިވާ ދިޔައެއް ކަމަށެވެ.
މިހާރު އެމެރިކާގެ ބާޒަރަށް ސޯއި ސޯސް ވިއްކައިގެން ކިއްކޮމަން، އަހަރަކު 4.4 ބިލިއަން އެމެރިކާ ޑޮލަރު ހޯދައެވެ.
އިންޑިއާގެ ރެސްޓޯރެންޓްތައް ހިންގާ ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް ސޯއި ސޯސް ތަޢާރަފް ވެފައި އޮތުމުން ބިރިޔާނީއާއި އެހެން މަލާފަތްތައް ތައްޔާރުކުރުމުގައިވެސް އެމީހުން ސޯއި ސޯސް ބޭނުން ކުރެއެވެ. ބައެއް މީހުން ބުނާ ގޮތުން ޒިލޭބީ ތައްޔާރު ކުރުމުގައި ސޯއި ސޯސް ބޭނުން ކުރުމުން ރަހަ މީރެވެ.