ބަރުލަމާނީ ނިޒާމު ގެންނަން އުޅޭ މީހުންގެ އޮތީ އަމިއްލަ އެދުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން ރޭ ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ރައްޔިތުންގެ ވަރަށް ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ކަމަށާއި ދެން އެ ނިންމުމާ ނުކުޅެވޭނެ ކަމަަށެވެ.

އެގޮތުން ބަރުލަމާނީ ގެންނަން އުޅެނީ ގައުމަށާއި ރައްޔިތުންނަށް ހެޔޮ އެދިގެން އުޅޭ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ފޯވެގެން ކުރާ ކަމެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަރުލަމާނީ ނިޒާމު އޭޝިއާ ބައްރަށް އައިސްފައިވަނީ އިނގިރޭސިންގެ ނުފޫޒުން ކަމަށާއި އެއީ އިނގިރޭސިން އިންދާފައިވާ އޮށެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އެމީހުންގެ ފިކުރިއްޔާތު، މުޅި ގައުމު ފަސާދަ ކުރުމަށްޓަކާ ރާވާފައި އޮތް ނިޒާމެއް މި ބަރުލަމާނީ ނިޒާމަކީ. އެމީހުންގެ ބާރުވެރިކަން އޮތް ހުރިހާ ތަނެއް އޮންނާނީ އެގޮތަށް. މިއީ ހަގީގަތަކީ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކު ފިކުރުކޮށްލުމުންވެސް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބާރު އެންމެ ރަނގަޅަށް އޮތް ނިޒާމުކަން އެނގޭނެ ކަމަށެވެ. އެ ނިޒާމުގައި ފަސް އަހަރުން އެއް ފަހަރު ނަމަވެސް ރައީސާއި ނާއިބު ރައީސް ރައްޔިތުންގެ ކައިރިއަށް ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ކަމަށާ އަދި މަޖިލީހުގެ އިންތިހާބުގައި މެންބަރުންވެސް ރައްޔިތުންގެ ގާތަށް ދާން ޖެހޭނެ ކަމަށެވެ.