ފުލުހުންގެ ހިދުމަތް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނ. މާފަރުގައި ގާއިމުކޮށްފައިވާ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައިފިއެވެ.
ރޭ މާފަރުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
އެ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަފުޅުގައި ރަނގަޅު ޞުލްހަވެރި މުޖުތަމައަކީ މިހުންނަށް އަދަބުދޭން ޖެހޭ މުޖުތަމައެއް ނޫންކަމަށާއި ޖަލުތަކުގެ ފަހަތަށް ނުވަތަ ތޭރިތަކުގެ ފަހަތަށް އެ މުޖުތަމައުގެ ބޮޑު އަދަދެއް ލައިގެން އެކަމަށްޓަކައި ބޮޑެތި ހޭދަތަކެއްކޮށް، އެކަމަށްޓަކައި މައިންބަފައިންނާއި ތިމާގެ މީހުން ކަރުނައަޅަން ނުޖެހި އަޅުނޑުމެންގެ މުޖުތަމައު ސަލާމަތްކުރެވޭނީ އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ.
އޭގެ އިތުރުން، މި މަހުގެ ތެރޭގައި މިހާރު މި ޚިދުމަތްދެމުންދާ ނިޒާމަށް މުހިއްމު ބަދަލުތަކެއް ގެނެސް، މިހާރު ގާއިމުކުރެވިފައިވާ 7 ޑިވިޜަންގެ ބަދަލުގައި 5 ރީޖަން ކަނޑައެޅި، އެ ރީޖަންތަކަށް ކޮމާންޑަރުން ލެވި، އެ ކޮމާންޑަރުންނަކީ އިތުރު ބާރާއި، ވަޞީލަތްތަކާއި، ޚިދުމަތް ދިނުމަށް ފަހިކުރެވިފައިވާ އިސްބޭފުޅުންކަމުގައި ހަމަޖެހިގެންދާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެންދާނީ ރައްޔިތުންނާ ގާތުން ފުލުހުން ޚިދުމަތް ދިނުމުގައި ފަސޭހަކަމާއި، އަވަސްކަމާއެކުގައި ނިންމަންޖެހޭ މުހިއްމު ނިންމުންތައް ނިންމައި ކުރިއަށް ގެންދަންޖެހޭ މުހިއްމު މަސައްކަތްތަކުގައި އެބޭފުޅުން ވަރަށް ހުނަރުވެރިކަމާއި، ގާބިލުކަމާއެކުގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޓްރެޓީޖިކް ޕްލޭންގައި، ކަނޑައެޅުނު 6 ޕްރަޔަރިޓީ ގެތެރޭގައި "ލޯކަލް ޕޮލިސިންގ" ކަނޑައެޅީ އަތޮޅު ތެރޭގައި ދެވޭ ޚިދުމަތަށް، އިތުރު އަހައްމިޔަތުކަމެއް ދިނުމުގެ މަގުސަދުގައި ކަމަށާއި މާފަރު ޕޮލިސް ސްޓޭޝަން ހުޅުވުމާ ގުޅިގެން، މަނަދޫ އިން ފުލުހުން އެޓެންޑުވެގެން ރަށަށް ފުލުހުން ޚިދުމަތް ފޯރުކޮށްދެމުން އައި އައުމަށް، މިއަދު މިވަނީ ނިމުމެއް ގެނެވިފައި ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މާފަރަކީ އިންޓަނޭޝަނަލް އެއާޕޯޓެއް އޮތް ރަށަކަށްވުމުން، ލޯކަލް ޓުއަރިޒަމް ފުޅާވަމުމުގެ ފުރުސަތު އޮތް ރަށަކަށް ވެފައި އަތޮޅުގައި ޓުއަރިޒަމް ފުޅާވެގެން ދާދިއުމަކީ، އޭގެސަބަބުން ޓެކްނޮލޮޖީ އާއި ދިރިއުޅުމުގެ ފެންވަރަށްވެސް ބަދަލުއަންނާނެ ކަމުގައި ފާހަގަކުރެއްވިއެވެ. އަދި އެ ބަދަލުތަކާއެކު، ކުށްކުރާފަރާތްތައް، އެ ކުށްތަކަށް އަރައިގަންނަ ގޮތްތައްވެސް މިއަދު މިއަންނަނީ ބަދަލުވަމުން ކަމުގައި ފާހަގަކުރެއްވިއެވެ..
އޭގެ އިތުރުން، މިހާރު އަމަލުކުރަން ފަށާފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ރައްޔިތުންނާއި ފުލުހުންގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވާ ކަމަށާއި އެކަން ހާސިލުކޮށް ދެމެހެއްޓުމަށް އިންތިޒާމުތަކެއް ގާއިމުކުރުމަށް ގާނޫނު ލާޒިމުކުރާއިރު ނ. އަތޮޅުގެ އެންމެހައި ފުލުހުންވެސް ރައްޔިތުންނާއި މުއައްސަސާތަކާ އަދި ޖަމިއްޔާ ޖަމާއަތްތަކާ ގުޅިގެން، ރަށުގެ ވެއްޓަކީ އަމާންތަނަކަށް ހެދުމަށް މަސައްކަތްކޮށްދެއްވުމަށާއި، މާފަރުގެ ރައްޔިތުންވެސް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ، އެންމެކުރީ ސަފުގައި ފުލުހުންނާ އަތުގުޅާލައިގެން މަސައްކަތްކޮށްދެއްވުމަށް އެދިލެއްވިއެވެ.
މާފަރު ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު އެ ސްޓޭޝަންގައި ގައުމީ ދިދަ ނަންގަވައި ދެއްވީ މިނިސްޓަރ އިމްރާން ޢަބްދުﷲ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.
ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވަނީ ޕޮލިސް ސްޓޭޝަން ބައްލަވާލައްވާފައެވެ.
އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި މާފަރު ކައުންސިލް މެމްބަރުންނާއި މާފަރުގައި ހުރި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.