އދގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރިޔާސަތާއި ހަވާލުވެވަޑައިގަތުމުގެ ކުރިން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ނިއުޔޯކްގައި ތިއްބަވާ އެކި ޤައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވަން ފައްޓަވައިފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިއްޔެ އިޓަލީ ވިލާތުން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު މައުރީޒިއޯ މަސަރާއީ އާއި ބައްދަލުކުރެއްވި ކަމަށެވެ. އެގޮތުން، މި ބައްދަލުވުމުގައި އިޓަލީއަކީ މަލްޓިލޭޓަރަލް ނިޒާމަށް ޒަމާނުއްސުރެ ސަޕޯޓްކުރާ ގައުމެއްކަން ޝާހިދު ވަނީ ފާހަގަކުރައްވާފައެވެ. މި ބައްދަލުވުމުގައި އިޓަލީވިލާތުގެ ސަފީރު ވަނީ އާއްމު މަޖިލީހުގެ ރިޔާސަތަށް އިޓަލީވިލާތުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ސަފީރު ވަނީ ތިމާވެއްޓާއި، ސިއްހީ ދާއިރާއާއި، އިންސާނީ ހައްޤުތަކާ އަންހެނުންގެ ހައްޤުތަކުގެ ދާއިރާގެ އިތުރުން ޒުވާނުންގެ ކަންތަކުގައި ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް އޮތްކަން ވެސް ހާމަކުރައްވާފައެވެ.
ޝާހިދު ވަނީ ސްލޮވީނިއާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ބޮސްޖާން މަލްވޯ އާއި ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ އދގެ ޢާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ޝާހިދުގެ ރިޔާސަތުގައި އާއްމު މަޖިލީހުގައި އިސްކަން ދެއްވާނެ ކަންތަކާ ބެހޭ ގޮތުންނާއި، ސްލޮވީނިއާއިން ވިލާތުގެ އިއްތިޙާދުގެ ރިޔާސަތުގައި އިސްކަން ދޭނެ ކަންތަކާ ބެހޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މީގެ އިތުރުން އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ލިންޑާ ތޮމަސް-ގްރީންފިލްޑް ގެ އިތުރުން އދގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ސެޕްޓެމްބަރުގައި ހަވާލުވާ އަޔަލެންޑްއިން އދއަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޖެރަލްޑީން ނޭސަން އާއިވެސް މިނިސްޓަރ ޝާހިދު އިއްޔެ ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އަޔަރލެންޑް ސަފީރު އެކަމަނާ ވަނީ އދގެ ސަލާމަތީ މަޖިލީހުގައި އަޔަލެންޑުން އިސްކަން ދޭން ރާވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު މިނިސްޓަރ ޝާހިދާއި ހިއްސާކުރައްވާފައެވެ.
އދގެ ސެކްރެޓަރީ ޖެނެރަލްގެ ޔޫތު އެންވޯއީ ޖަޔަތުމާ ވިކްރަމަނަޔަކަ އާއި ޔޫތު އެޑްވައިޒަރީ ގްރޫޕް އޮން ކްލައިމެޓް ޗޭންޖް އާއިވެސް މިނިސްޓަރ ޝާހިދު ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި އދގެ އާއްމު މަޖިލީހުގެ 76 ވަނަ ސެޝަންގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމާ ބެހޭ ގޮތުން ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާދުއެވެ.