ތާރީޚުގައި ބުނާގޮތުން ފެހެންދޫ ޢުސްމާނު ރަސްގެފާނު ތަޚުތައް އިސްވެވަޑައިގަތީ 1388 ގައެވެ. ހަމަ އެ އަހަރު އޭނާގެ ރަސްކަން ނިމުމަކަށް އައެވެ. ދެން ތަޚުތަށް އިސްވެވަޑައިގަތީ މަޝްހޫރު ހިލާލީ ދަރިކޮޅުގެ ފުރަތަމަ ރަދުން އައްސުލްޠާން ޙަސަނުލް ހިލާލީއެވެ. މިކަން ހިނގައިދިޔަ ގޮތެއް ތާރީޚުގައި ލިޔެވިފައި ނެތެވެ.

އެހެނަސް މަޝްހޫރު ބުރާރަ މުޙައްމަދު ފުޅު ކިޔައިއުޅުނު "ބޮޑު ތަކުރުފާނު ވާހަކަ"އިގައި އެ ހާދިސާ ފުދޭވަރަކަށް ތަފްސީލުކޮށް ލިޔެފައި ވެއެވެ. ނަމަވެސް އެއީ ތުންތުންމަތިން ކިޔަމުންއައި ޔޯލަ ވާހަކައަށް ވާތީވެ އެއާ ލިޔެފައިވާ ތާރީޚީ ނުކުތާތަކާ ދިމައެއްނުވެއެވެ. މިސާލަކަށް، ވާހަކައިގައި ބުނާ ހާދިސާތަކަށް 10 - 12 އަހަރު ބޭނުން ވާނެއެވެ. އެކަމަކު ތާރީޚު ބުނާގޮތން ޢުސްމާނު ރަސްގެފާނު ރެދަލި ކުރެއްވީ އެންމެ ދޮޅު މަސް ދުވަހުއެވެ. މި ތަފާތު މިހެން ހުއްޓަސް އެ ވާހަކައަކީ އެ ޙާދިސާއާ ބެހޭ މައުލޫމާތު ލިބޭ ހަމައެކަނި މަސްދަރެވެ. ތިރީގައި ވަނީ އެ ވާހަކައިގެ ތަންކޮޅެކެވެ.

އެދުވަސްވަރު ހުޅުލޭގައި ފަގީރު ދެމަފިރިއަކު އުޅުނެވެ. (ތާރީޚުން އެނގޭ ގޮތުގައި އެއީ ހުޅުލޭ މުސްލިމް އައްބާސްގެ ކުޅިވެރި ހިލާލުގެ ކައުޅަންނަ ކަލޯއާއި ގެ ގޯޅަވަހި ކަނބުލޯއެވެ.) އެދެމީހުންނަށް އެރަށުގައި އުޅެން އުނދަގޫވެގެން މާލެއަށް ބަދަލުވާން ގަސްދުކުރިއެވެ. އެ ދެމަފިރިން ބޮއްކުރާގަނޑެއްގައި ފަލިޖަހާފައި އައިސް މާލެއަށް ފޭބި ވަގުތު ގުންޑޮޅި އުސް ކަމުން ފަގީރުކަނބުލޭގެ ބަންޑުން ވެއްޓިއްޖެއެވެ.

އެދުވަސްވަރުގެ ރަދުން ފެހެންދޫ ޢުސްމާން ރަސްގެފާނުގެ ހަނދޭރީއަކީ ނިސްފު ހަނދޭގިރިންނެވެ. އޭނާއަކީ ގުރަހަލި އެއްކުރާ ވަރުގެ މޮޅު ނަކަތްތެރިއެކެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދުން ފައިބައިގެން އަތިރި މަތީގައި ހިނގާލަން ދެއެވެ. ހިލާލީ ކަލޯގެ އަނބިމީހާ ވެއްޓުނީ ހަނދޭގިރިން އައިސް ހަމަވީތަނާއެވެ.

ހެނދުނު ހަނދޭގިރިން ރަދުންގެ ފައިންޕުޅު ދެކެފައި ދެންނެވިއެވެ. މާލެ ބަނޑުދަށުލައިގެން މާބަނޑު ބޮކެއް ވެއްޓިއްޖެއެވެ. ހުޅުލޭ ފަގީރުކަލޯގެ ދެމަފިރިން އެ މާލެއަށް އަތުވެއްޖެއެވެ. އެ މީހން މާލޭގައި ވަޒަންވެރިވުމަށް ހުއްދަ ދެއްވައިގެން ނުވާނެއެވެ. އެހެނަސް އެހާ ފަގީރު ބަޔަކަށް ދަތި ނުކުރައްވަން ރަދުން ގަސްދުކުރެއްވީ ހުއްދަ ދެއްވާށެވެ.

ހަނދޭގިރިން ފަގީރު ދެމަފިރިންނަށް ގެއެއް އަޅަން ތަންކޮޅެއް ދެއްކެވީ ރަށްބޭރު ދުނގެތިގަނޑުންނެވެ. ދެމަފިރިން ގެ އަޅާ ސާއަތެއް ހަނދޭގިރިން ދުރުވީ ބައްލަވަމުންނެވެ. އޭނާއަށް ފެނުނުގޮތުގައި އެ މީހުން ގެ އަޅަން ފެށި ސާއަތުގައި ގެ އަޅައިފިނަމަ ރަސްގެފާނަށް އުނދަގޫފުޅުވާނެއެވެ. ދެން ރަދުންނަށް ދަންނަވާފައި ގެ ރޫޅައި އަލުން އިމާރާތްކުރަން އަންގަވައިފިއެވެ. ފަގީރު ކަލޭގެ އަނބި މީހާއަށް ހަނދޭގިރިން ދުރުވާނެކަން އެނގޭތީވެ އެއިރު ހުރީ މުޑިތައް ބުރިކޮށްލާފައެވެ. ހަނދޭގިރިން ދިޔައީމާ ބުރިކުރި މުޑީގެ މައްޗަށް މުޑިޖަހައި ގެ އެޅީއެވެ.

މިކަން ހިނގިއިރު ހަނދޭގިރިންގެ އަނބިމީހާ އިނީ ބަލިވެއެވެ. ފަގީރުކަލޭގެ އަނބި ވެސް އިނީ ބަލިވެއެވެ. ދެ މީހުން އެކީގައި ދުވަސް ފުރެމުން އައިއިރު ހަނދޭގިރިން ދުރުވީ ނަކަތް ބައްލަވަމުންނެވެ. އާޚިރުގައި، އޭނާގެ އަބިމީހާ ވިހާނެކަމަށް ބަލައިގެންހުރި މޮޅު ސާޢަތުގައި ވިހެއީ ފަގީރު ކަލޯގެ އަނބިމީހާއެވެ. ފަގީރު ކަލޯގެ އަނބި ވިހާނެކަމަށް ބެލި ދެރަ އިރުވަރުގައި ވިހެއީ ހަނދޭގިރިން ގެ އަނބި ކަމަނާއެވެ. 7 ދުވަސްވީ ދުވަހު ފަގިރު ކަލޯގެ ދޮށީދަރިއަށް ހަސަނޭ ކިޔައިފިއެވެ. ހަގު ދަރިއަށް ޙުސައިނޭ ކިޔައިފިއެވެ. ހަނދޭގިރިންގެ ދަރިއަށް މުޙައްމަދު މަނިކޭ ކިޔައިފިއެވެ.

3 ކުދިންނަށް 7 އަހަރުވީ ތަނާ ޚިތާނުކޮށްފިއެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ރަދުންނަށް ދަންނަވައިގެން ހަނދޭގިރިން ފަގީރު ކަލޯގެ ހަގުދަރި ޙުސައިން އޭނާގެ ގެއަށް ގެންނެވިއެވެ. އޭނާ ހަނދޭގިރިންނަށް ވަރަށް އިޚުތިރާމް ކުރިއެވެ.

ހަނދޭގިރިން ގުރަހަލި އެއްކުރައްވަމުން ގެންދަވައެވެ. 4 އަހަރުވަންދެން ގުރަހަލި އެއްކުރެއްވުނު ފަހުން އޭނާ ރަދުންގެ އިޒުނަ ހޯއްދަވައިގެން ހަސަނު ލަންދޫއަށް ފޮނުވާލައްވައިފިއެވެ. ފަހުން އެއްރެޔަކު ޙުސައިނަށް އުޑުން ތަރިއެއް ދައްކަވާފައި ތަރި މެދުޖެހުނީމާ ތިމަންނާއަށް ގޮވާށޭ ބުނުއްވާފައި އޮށޯންނަވައިފިއެވެ. ކަންދިމާވި ގޮތުން ހަނދޭގިރިންނަށް ނިދި ކުރެއްވުނު ތަނާ ޙުސައިނަށް އަތިރިއަކަށްދާން ޖެހިއްޖެއެވެ. އަތިރިއަށް ގޮސް ރާޅު ޖަހާ ހިސާބަށް ފޭބިތަނާ ގުންޑޮޅިން ކައްސާލައިގެން ފައިނުޖެހޭ ހިސާބަށް ވެއްޓިއްޖެއެވެ.

ގަތް ބިރުން އަތިރިއަށް ދިޔުން ވެސް މަނާވެއްޖެއެވެ. އެނބުރި ގެއަށް ދަނިކޮށް އަށްތަން ވެވާ ހަމައިން ހުދުހެދުމުގައި ތިބި ދެ މީހުންނާއި 3 ގޮނޑި ފެނުނެވެ. އެމީހުން އެތަނުން އެއް ގޮނޑީގައި ޙުސައިނު ބައިންދައިފިއެވެ. އެހާ ތަނުން ހަނދޭގިރިން މުޙައްމަދު މަނިކު އަތުގައި ހިފައިގެން ދަމާ ކޫތާފައި ގެންނަތަން ފެނިގެން އެ ދެ މީހުން ގެއްލިއްޖެއެވެ. ހަނދޭގިރިން ދުރުވެ ޙުސައިން އަނދެގެން ހުރި ފޮށައިން ފެންކޮޅެއް މުޙައްމަދު މަނިކުފާނުގެ ބޮލަށް ފެލައިލައިފިއެވެ.

ހަސަން ލަންދޫގައި އުޅެނިކޮށް އެއްދުވަހަކު ފަތިހު، މީހަކުނެތް ރަން ނަވެއް އެރަށަށް ލައްގަނިކޮށް އޭނާއަށް ފެނިއްޖެއެވެ. ރަސްގެފާނަށް ނައު ވެދުމަށް އަރުވަން މާލެއަށް އައިސް ރަސްގެފާނަށް ކުރުނީސް ކުރީމާ ޙަސަނު ލަންދޫގައި ކުރަނީ ކީއްތޯ ރަދުން އެއްސެވިއެވެ. ހަސަން ދެންނެވިއެވެ. ދުވާލަކު ދެ ފަހަރު ކެޔޮޅުކަމު ދަމެވެ. މަހަކު އެއްފަހަރު ރާއްޖެއާ ހަތަރު ދަން ދުރުގައި އޮންނަ ތިލައެއްގައި އަޅަމެވެ.

ރަދުން ނަވުގައި އެ ތިލައަށް އެ މަނިއްޕުޅު ގެންގޮސްދޭން އެދި ވަޑައިގަތެވެ. ހަސަން އާދޭހޭ ދަންނަވާފައި ނަނުބައެއް ބަލައޭ ކިޔާފައި ގެއަށް ދިޔަގޮތަށް ޚަބަރެއް ނުވިއެވެ. ދެން ރަދުން ޙުސައިން ގޮވައިގެން ފުރާވަޑައިގަތީއެވެ. ނައު ގާދޫކޮލުން ނުކުންނަމުން ބަޑިޖެހި އަޑު އަހާފައި ހަސަން ދުވެފައި ގޮސް ނާބުސްޚާނާއަށް އަރައި ދެބައި ލަޝްކަރީންނަށް ބެރު ޖަހައިފިއެވެ.

ބެރުގެ އަޑު އައްސަވާފައި ރަދުން ނައު އަނބުރައިލެއްވިއެވެ. ނައު ފުނަދޫއާއި މާލެއާ ދޭތެރެއިން ދިޔައިރު ޙުސައިން މާލޭ ތޮށިގަނޑުގެ ގަލަކަށް ފުންމާލައި ގޮވާލިއެވެ. ހަސަނާ އެއްބަނޑީ ޙުސައިނެވެ. މަނިއްޕުޅު ތިހާ ކުޅަދާނައިއްޔާ ނިކަން މާލެއަށް އަރާވަޑައިގެން ބައްލަވާށެވެ. ސަލާމަތުން ހުންނަވަން ބޭނުންފުޅިއްޔާ ކޮޅުމަޑުލު ގުރައިދޫއަށް ވަޑައިގަންނަވާށެވެ. މި އަޑު އަހާފައި ހަނދޭގިރިން ގޮވައިލިއެވެ. ޙަސަނަށް ފަހު މުޙައްމަދެވެ. ޙުސައިން ޖަވާބު ދިނެވެ. ޙަސަނަށްފަހު ޙުސައިނެވެ. ޙުސައިނަށް ފަހު މުޙައްމަދެވެ.

މި ގޮތުގެ މަތިން ޢުސްމާނު ރަސްގެފާނު ގުރައިދޫއަށް ވަޑައިގަތީއެވެ. އެ މަނިއްޕުޅު ފުރައުއްތަވެ ފަސްދާނު ވެޑުވުނީ އެ ރަށުގައެވެ.

ރެފަރެންސް=======1. މުޙައްމަދު އަމީން (1949) "ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީޚުގެ ތަމްތަންކޮޅު،" ޞ. 1172. ބުރާރަ މުޙއްމަދު ފުޅު (----) "ބޮޑުތަކުރުފާނު ވާހަކަ،" ޔޫޓިއުބު އޮޑިއޯ، ފުރަތަމަބައި، ކިޔާފައިވަނީ މުޙައްމަދު ޢުސްމާން