ޔޫރަޕުގެ ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓް ބަންދުވުމަށް ވަގުތު ކުޑަތަންވެފައިވާއިރު، އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު ސައުލް ނިގޭޒް ލޯނު އެއްބަސްވުމެއްގެ ދަށުން ޗެލްސީއަށް އަދި މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުންދިޔަ ވޭލްސް ގައުމީ ޓީމުގެ ވިންގަރ ޑޭން ޖޭމްސް ދާއިމީ އެއްބަސްވުމެއްގެ ދަށުން ލީޑްސް ޔުނައިޓެޑަށް މިރޭ ބަދަލުވެއްޖެއެވެ.

ސްޕެއިނުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑުގެ ޔޫތު ޓީމުން ކެރިޔަރ ފަށައި އެކްލަބުގެ ސީނިއަރ ޓީމަށް ތިންސަތޭކައަށްވުރެ ގިނަ މެޗް ކުޅެދީފައިވާ ސައުލް، ޗެލްސީއަށް ގެންދިޔައީ 4 މިލިޔަން ޔޫރޯ ލޯނު ފީގެ ގޮތުގައި އެތުލެޓިކޯ މެޑްރިޑަށް ދިނުމަށްފަހުއެވެ. މިއެއްބަސްވުމުގައިވާ ގޮތުން އަންނަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީން ސައުލް،26، ގަންނަން ބޭނުން ވެއްޖެނަމަ 35 މިލިޔަން ޔޫރޯއަށް އޭނާ ގަތުމުގެ ފުރުސަތު ޗެލްސީއަށް ލިބިދެއެވެ.

މިދިޔަ ސީޒަނުގައި ސްޕެއިނުގެ ޗެމްޕިއަންކަން ހޯދި އެތުލެޓިކޯ މެޑްރިޑުގައި ހިމެނުނު ސައުލް ޗެލްސީއަށް ގެނެސްފައިވާއިރު އެޓީމުގެ މެދުތެރޭގެ މައިތަނބުގެ ގޮތުގައި ބެލެވޭ އެންގްލޯ ކަންޓޭ މިވަގުތު ހުރީ އަނިޔާގައެވެ.

މިފަހަރުގެ ޓްރާންސްފާ މާކެޓުގައި ތަޖުރިބާކާރު ކުޅުންތެރިން ހޯދުމަށް އެކަށީގެންވާ ވަރުގެ ހޭދައެއް ކުރި މެންޗެސްޓަރ ޔުނައިޓެޑުން ވިންގަރ ޖޭމްސް،23، ލީޑްސްއަށް ވިއްކާލީ 34 މިލިޔަން ޑޮލަރަށެވެ. ލީޑްސްއިން ޖޭމްސްއާއެކު ހަދާފައިވަނީ 5 އަހަރުގެ އެއްބަސްވުމެކެވެ. ޖޭމްސް، 2019 ވަނަ އަހަރު މެންޗެސްޓަރ ޔުނައިޓެޑަށް ސޮއި ކުރީ އޭނާ ގެނައުމަށް ލީޑްސްއިން ވަރަށް ގަދައަށް މަސައްކަތް ކުރަމުން ދަނިކޮށްކަން ފާހަގަ ކޮށްލެވެއެވެ. މެން.ޔުނައިޓެޑުން ޖޭމްސް ދޫކޮށްލާފައި މިވަނީ އެކްލަބުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ،36، އެނބުރި އައުމާ ގުޅިގެންނެވެ.