އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްގެ ދަނޑުގައި މޮޅުނުވާތާ ބައިޤަރުނުވާން އެންމެ ތިން އަހަރަށް ވެފައި ވަނިކޮށް، އާސެނަލްގެ މައްޗަށް 1-0 އިން ކުރި ހޯދައި މޮޅުނެވުމުގެ ސިލްސިލާއަށް ލެސްޓަރ ސިޓީއިން ރޭ ނިމުން ގެނެސްފިއެވެ.

އާސެނަލްގެ ދަނޑުގައި ލެސްޓާ ސިޓީ އެންމެފަހުން މޮޅުވީ 1973 ވަނަ އަހަރު 2-0 އިންނެވެ. ފާއިތުވެދިޔަ 47 އަހަރު ތެރޭގައި އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީއާ ދެކޮޅަށް އާސެނަލް ވަނީ 27 މެޗު ކުޅެފައެވެ. މީގެ ތެރެއިން 20 މެޗް އެޓީމުން ކާމިޔާބު ކުރިއެވެ.

ކޯޗް މައިކަލް އާޓެޓާގެ އިރުޝާދުގެ ދަށުން މިސީޒަނުގައި އަމިއްލަ ދަނޑުގައި ރޭގެ މެޗާއި ހަމައަށް ބަލިވެފައި ނުވާ އާސެނަލްއިން ވަނީ ލީޑް ނަގާނެ ފުރުސަތުތަކެއް ބޭކާރު ކޮށްލާފައެވެ. މީގެ އިތުރުން ފްރާންސް ފޯވާޑް އެލެގްޒަންޑަރ ލަކްޒޭޓް ލަނޑެއް ކާމިޔާބުވެސް ކުރިއެވެ. ވީއޭއާރު ބެލުމަށްފަހު ރެފްރީ ނިންމީ ބޯޅަ ގޯލަށް ވަނުމުގެ ކުރިން އޮފްސައިޑް މަގާމެއްގައި ހުރެ މިޑްފީލްޑަރު ގްރެނީޓް ޝަކާ އެބޯޅައަށް ހަރަކާތް ކުރި ކަމަށެވެ.

ލެސްޓަރ ސިޓީން ލީޑް ނެގީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އިންގްލެންޑުގެ އިތުބާރު ފޯވާޑް ޖިމީ ވާޑީ ކާމިޔާބު ކުރި ލަނޑުންނެވެ. އޭނާ މިލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތުރުކީގެ އުއްމީދީ ސެންގިޒް އުންޑެއާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ވަރަށް ހިތްގައިމުކޮށް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލެސްޓަރ ސިޓީގެ ކޯޗް ބްރެންޑެން ރޮޖާސް ވަނީ ޗެންގިޒްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ކޮށްފައެވެ. "ނަތީޖާ ލެސްޓާ ކޮޅަށް އަނބުރާލުމުގައި ޗެންގިޒްގެ ދައުރު ވަރަށް ބޮޑު. ރަގަޅު ވަގުތުގައި ރަނގަޅުތަނަށް އޭނާ ދުވޭ. ލަނޑުޖަހަން ތަނަވަސްކޮށްދިން ފުރުސަތަކީ އެގޮތަށް އޭނާ ހޯދި ފުރުސަތެއް. އާސެނަލް ބަލިކުރެވުނީ ދެވަނަ ހާފުގައި ގެނައި ބަދަލުތަކާއެކު ޓީމެއްގެ ގޮތުގައި ހުރިހާ ކުޅުންތެރިން މަސައްކަތް ކޮށްގެން" ކުރިން ލިވަޕޫލަށް އިރުޝާދު ދިން ކޯޗް ރޮޖާޒް ބުންޏެވެ.

އާސެނަލްގެ ކޯޗް އާޓެޓާ ބުނީ މެޗް ކޮންޓްރޯލްކޮށް ލަނޑުޖަހަން ފުރުސަތު ލިބި އޭގެ ބޭނުން ނުކުރެވޭނަމަ މެޗުތަކުން މޮޅު ނުވެވޭނެ ކަމަށެވެ. "ލަނޑުޖަހަން ފުރުސަތުތަކެއް ތަނަވަސް ކުރެވުނު. އެކަމަކު އޭގެ ބޭނުން ނުހިފި ކޮންސަންޓްރޭޝަން ގެއްލިގެންދިޔައީ" އާޓެޓާ ބުންޏެވެ.

އާސެނަލް އަތުން ހޯދި މޮޅާއެކު ލީގުގެ ހަތަރުވަނައިގައި ލެސްޓާ އޮތީ 12 ޕޮއިންޓާއެކުއެވެ. ތާވަލުގެ އެއްވަނައިގައި އެވަޓަން އޮތީ 13 ޕޮއިންޓާއެކުއެވެ. ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ދެވަނައިގައި އޮތީ އެންމެފަހުގެ ޗެމްޕިއަން ލިވަޕޫލްއެވެ. ލެސްޓާއާ ޕޮއިންޓުގެ ގޮތުން އެއްވަރުވެ ލަނޑުގެ ތަފާތުން ކުރި ހޯދައިގެން ތާވަލުގެ ތިންވަނައިގައި އޮތީ އެސްޓަންވިލާއެވެ.