ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގޮވާލާ ގޮވާލުންތަކުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވެސް ބައިވެރިވެވަޑައި ގެންފިއެވެ.

އިސްލާމްދީނާއި، މުސްލިމުންނާ ގުޅޭގޮތުން ފަރަންސޭސި ރައީސް އިމެނުއެލް މެކޯން ތަރުކާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކާ ގުޅިގެން ތުރުކީ ސަރުކާރާއި، ތުރުކީގެ އާންމު އެތައްބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ތުރުކީގެ އިތުރުންވެސް، އިސްލާމީ އެތައް ގައުމަކުން ގެންދަނީ ފަރަންސޭސި ރައީސްގެ ވާހަކަތައް ކުށްވެރިކުރަމުންނެވެ.

ދުނިޔޭގައި އުޅޭ ބިލިއަނަކަށްވުރެ ގިނަ މުސްލިމުންގެ އިހްސާސްތަކަށް ބެއްލެވުމެއްނެތި، އިސްލާމްދީނާއި މުސްލިމުންނަކީ ގޯސްބައެއްގެ ގޮތުގައި ސިފަވާގޮތަށް ފަރަންސޭސި ރައީސް ދައްކަވާ ވާހަކަތަކުގެ ސަބަބުން މީހުންގެ ހިތްތަކުގައި މުސްލިމުންނާމެދު ނަފުރަތު އުފެދެމުންދާ ކަމަށް އިސްލާމީ ލީޑަރުންނާއި، މުސްލިމުންވެސް ގެންދަނީ ބުނަމުންނެވެ.

ފަރަންސޭސި ރައީސްގެ ގޮތްދޫނުކުރެއްވުމުގެ ވާހަކަތަކާ ގުޅިގެން، ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓްކުރުމުގެ އޮއިވަރެއް އިސްލާމީ ގައުމުތަކުގައި މިހާރުވަނީ ފެށިފައެވެ.

އެގޮތުން، ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓްކުރުމަށް ގައުމުތަކުގައިވަނީ ވަރުގަދަ ކެމްޕެއިނެއްވެސް ފެށިފައެވެ. އަދި އެކަމަށް ގޮވާލުންތައްވެސް ދަނީ ގޮވާލެވެމުންނެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންވެސް ހޯމަދުވަހުވަނީ، ފަރަންސޭސި އުފެއްދުންތައް ބޮއިކޮޓްކުރުމަށް އަރަބި ގައުމުތަކުގެ އާންމު ރައްޔިތުންނަށް ގޮވާލައްވާފައެވެ. ފަރަންސޭސިވިލާތުގައި އުފައްދާފައިވާ އެއްވެސް އެއްޗެއް ފިހާރައަކުން ނުގަތުމަށް އުރުދުޣާންވަނީ ގޮވާލައްވާފައެވެ.

އަރަބި ގައުމުތައް ކަމަށްވާ ގަތަރާއި، ކުވައިތުގެ ސުޕަމާކެޓުތަކުން މިހާރަށްވެސްވަނީ ފަރަންސޭސި އުފެއްދުންތައް ނަގާފައެވެ. އަރަބި އެހެން ގައުމުތަކުގައިވެސް އެކަން އެގޮތަށް ކުރަން ފަށާފައި ވެއެވެ.

ސީރިއާގެ އާންމުން ފަރަންސޭސި ރައީސް އިމެނުއެލް މެކޯންގެ ފޮޓޯތައް މަގުތަކުގައި އަންދާފައިވާއިރު، ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ މަގުތަކުގައި އާންމުންދަނީ ފަރަންސޭސި ދިދަ އަންދައި ނުރުހުން ފާޅުކޮށްފައެވެ.