ކޮވިޑް-19 ބަލީގައި އީރާނުން ކޮންމެ 5 މިނެޓަކުން މީހަކު މަރުވަމުންދާ ކަމަށް އީރާނު ސަރުކާރުން ހާމަކޮށްފިއެވެ.

މިއީ، ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް 300 މީހުންގެ އަދަދެކެވެ. ފާއިތުވީ 20 ދުވަހު ކޮންމެ ދުވަހަކު މިއަދަދަށް މީހުން މަރުވެފައި ވެއެވެ.

އީރާނުގައި ކޮވިޑްބަލި އަނެއްކާވެސްވަނީ ހަލުވިކަމާއެކު ފެތުރެން ފަށާފައެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެ، ހޮސްޕިޓަލްތައްވެސް މިހާރު ފުރެމުންދާ ކަމަށާއި، ބަލިމީހުންނަށް އިތުރަށް ފަރުވާ ދިނުމުގެ ގާބިލްކަން ނެތެމުންދާ ކަމަށް އީރާނު ސަރުކާރުގެ ސިއްހަތާބެހޭ އިދާރާތަކުން ގެންދަނީ ބުނަމުންނެވެ.

އީރާނު ސަރުކާރުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރ އީރާޖް ހަރީރްޗީ ވިދާޅުވީ، އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމުގައި އީރާނު ރައްޔިތުން ވަރަށް ފަރުވާކުޑަ ކަމަށެވެ.

ސިއްހީ ގައިޑްލައިންތަކަށް އިހްތިރާމް ނުކޮށް، ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކަށް އީރާނުގެ ރައްޔިތުން ބޯނުލަނބާނަމަ، ކުރިއަށްއޮތް ހަފްތާތަކުގައި ދުވާލެއްގެ މައްޗަށް 600 މީހުން މަރުވާނޭ ކަމަށް އިރާޖް ހަރީރްޗީ އިންޒާރު ކުރައްވާފައި ވެއެވެ.

އީރާނަކީ މެދުއިރުމަތީގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ކޮރޯނާވައިރަސްގެ ހާލަތު އެންމެ ގޯސްވެފައިވާ ގައުމެވެ.

ކޮވިޑް-19 ބަލީގެ ހާލަތު ކޮންމެވެސް ވަރަކަށް މަޑުޖެހުމަށްފަހު ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަލުން ބަލި ފެތުރޭން ފަށާފައި ވެއެވެ.

މިކަމާ ގުޅިގެން ޚާއްސަކޮށް ޔޫރަޕްގެ ގިނަ ގައުމުތަކުގައި ގެންދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.

ސްޕެއިންގައި ކުއްލި ހާލަތު އަލުން އިއުލާންކޮށްފައި ވާއިރު، ޖަރުމަނުވިލާތް މިހާރު ތައްޔާރުވަމުންދަނީ "ލުއި ލޮކްޑައުންއަކަށް" ދިއުމަށެވެ.

ނޯވޭ، ރަޝިޔާ، ވޭލްސް، ފަރަންސޭސިވިލާތް، ކްރޮއޭޝިޔާ، ސްލޮވީނިއާ، ބޮސްނިއާފަދަ ގައުމުތަކުން ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އެމެރިކާގައި ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް ކުއްލިއަކަށްވަނީ މައްޗަށް ގޮސްފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބާ ދިމާކޮށް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވެގެންދާނޭ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ.