ޖަރުމަނުގެ ފަސްގަނޑުގައި ހުންނަވައިގެން ސިޔާސީ ހަރަކާތްތައް ނުހިންގެވުމަށް، ޖަރުމަނު ސަރުކާރުން ތައިލެންޑްގެ ރަސްގެފާނު މަހާ ވަޖިރަލޮންގްކޯންއަށް އިންޒާރު ކޮށްފިއެވެ.

ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް ވިދާޅުވީ، ތައިލެންޑް ރަސްގެފާނުގެ ހަރަކާތްތައް ސަރުކާރުން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ.

އަދި ޖަރުމަނުގެ ފަސްގަނޑުގައި ހުންނަވައިގެން، ޖަރުމަނުގެ ގާނޫނާ ޚިލާފްވާފަދަ ކަންތައްތަކެއް ތައިލެންޑް ރަސްގެފާނު ކުރައްވާނަމަ އޭގެ ނަތީޖާ ގޯސްވެގެން ހިނގައިދާނެ ކަމަށްވެސް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ތައިލެންޑްގެ ޒުވާން ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން މިވަގުތު ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުގެ ބަވާރިއާ ސަރަހައްދުގައެވެ. ރަސްގެފާނު މަހާ ވަޖިރަލޮންގްކޯން ޖަރުމަނުގައި ދިރިއުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ތައިލެންޑްގެ ރަސްކަމަށް އިސްކުރެއްވުމުގެ ކުރިންވެސް މަހާ ވަޖިރަލޮންގްކޯން ދިރިއުޅުއްވަމުން ގެންދެވީ ބަވާރިއާ ސަރަހައްދުގައެވެ.

އެ ސަރަހައްދުގައި އޭނާގެ އަމިއްލަ ގަނޑުވަރާއި، އަމިއްލަ މަތިންދާ ބޯޓްތަކާއި، އެތައްސަތޭކަ ކާރެއްވެސް ހުރެއެވެ.

ތައިލެންޑް ރަސްކަމުގައި ހުންނެވި މަހާ ވަޖިރަލޮންގްކޯންގެ ބައްޕާފުޅު ބޫމިބޯލް އަދުލްޔަދޭޖް އަވަހާރަވިތާ އަހަރެއްފަހުން ތައިލެންޑްގެ ރަސްކަމަށް މަހާ ވަޖިރަލޮންގްކޯން އިސް ކުރެއްވިފަހުންވެސް އޭނާ ގިނައިން ދިރިއުޅުއްވަނީ ޖަރުމަނުގައެވެ.

ތައިލެންޑްގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށާއި، އަދި ގާނޫނުއަސާސީ ބަދަލުކުރުމަށް ގޮވާލައި އެގައުމުގެ އާންމުން މަގުތަކަށް ނުކުމެ ފެށި މުޒާހަރާތައް މިހާރުވަނީ ރަސްކަމާ ދެކޮޅު މުޒާހަރާތަކަށް ބަދަލުވެފައެވެ.

ރައްޔިތުން ބޭނުންވަނީ، ރަސްގެފާނަށާއި، ޝާހީ އާއިލާއަށް ދީފައި އޮންނަ ބޮޑެތި ބާރުތައް ނަގައި، އަދި އަސްކަރީން އަޑީގައި ތިބެގެން މިހާރު ހިންގާ ވެރިކަމަށްވެސް ނިމުން ގެނައުމަށެވެ.

މުޒާހަރާތައް ހުއްޓުވަން ބޮޑުވަޒީރު ޕްރަޔުތު ސިފައިންނާއި ފުލުހުން މަގުތަކަށްނެރެ، އިންޒާރުތައް ދެއްވައި، އެތައް ފިޔަވަޅުތަކެއް އެޅުއްވި ނަމަވެސް، މުޒާހަރާތައް ދަނީ ހައްތަހާ ފުޅާވެ ވަރުގަދަވަމުންނެވެ. އަދި މަގުތަކަށް ނުކުންނަ މީހުންވެސްދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ސަރުކާރުން ދަނީ، ޖަރުމަނުގައި ހުންނެވި ރަސްގެފާނު އަންގަވާ ގޮތަށް އަދި ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅުއްވައި، ރަސްކަމާއި ވެރިކަން ހިމާޔަތް ކުރުމަށް ގަދައަޅައި މަސައްކަތް ކުރަމުންނެވެ.

މިކަމާހެދި، ވެރިރަށް ބެންގްކޮކްގައި މުޒާހަރާކުރާ މީހުން މިހާރުވަނީ ޖަރުމަނު އެމްބަސީއަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ.

އެ ޕެޓިޝަންގައި އެމީހުންވަނީ، ޖަރުމަނުގައި ހުންނަވައިގެން ރަސްގެފާނު ބާރުތައް ބޭނުންކުރައްވާ މައްސަލަ ތަހްގީގު ކޮށްދިނުމަށް ޖަރުމަނު ސަރުކާރުގެ ކިބައިން އެދިފައެވެ.

ޖަރުމަނު ސަރުކާރުން ބުނެފައިވަނީ، އެގައުމުގައި ހުންނަވައިގެން ތައިލެންޑް ރަސްގެފާނު ސިޔާސީ ހަރަކާތްތައް ހިންގެވުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން ކަމަށެވެ.