މި ފެށުނު ދިރާސީ އަހަރުގައި ވ. އަތޮޅު ކެޔޮދޫ ސުކޫލުގައި އޭލެވެލް އަށް ކިޔައިވައިދޭ ގޮތަށް ސަރުކާރުން ހަަމަޖައްސަވައި އެ ހުއްދަ އެ ސްކޫލަށް ދެއްވައިފިއެވެ. މި ހުއްދައާއެކު ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ހުރިހާ އަތޮޅެއްގައި އޭލެވަލް އަށް ކިޔަވައިދޭން ފަށާނެއެވެ.

މީގެ ކުރިން ތަޢުލީމީ ސިޔާސަތު އޮންނަގޮތުން ވަކި އަދަދަކަށް އޭލަވެލްއަށް ކިޔަވާނެ ކުދިން ހަމަވުމުން ނޫނީ ކީ ސްޓޭޖު 5 އަށް ކިޔަވައިދޭން ފެށުމުގެ ހުއްދަ އެއް ނުލިބެއެވެ. މިހެން ވުމުން ވ. އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ މަދު އަތޮޅު ކަމަށް ވެފައި، މީހުން ދިރިއުޅޭ ރަށްތައް ވެސް މަދު ވުމުން އޭލެވަލް އަށް ކިޔަވައި ދިނުމުގެ ފުރުޞަތު އެއަތޮޅުގެ އެއްވެސް ސުކޫލަކަށް ވަނީ ނުލިބިފައެވެ. ނަމަވެސް މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތަށް ގެންނަވަމުން ގެންދަވާ ހެޔޮ ބަދަލު ތަކުގެ ތެރޭގައި ކޮންމެ އަތޮޅެއްގައި ވެސް މަދުވެގެން އެއް ސުކޫލުގައި އޭލެވެލްއަށް ކިޔަވައި ދިނުން ވަނީ ނިންމަވާފައެވެ.

ކެޔޮދޫ ސުކޫލުގެ ޕްރިންސިޕަލް ޒައީމާ ހުސައިން ވިދާޅުވި ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ކީ ސްޓޭޖް 5 ގެ އައު ސިޔާސަތު ނެރުއްވީ 1 ސެޕްޓެމްބަރ 2021 ގައެވެ. ހަމަ އެދުވަހު ކެޔޮދޫ ސުކޫލުގައި ގްރޭޑް 11 އުފެއްދުމުގެ ހުއްދަ ވަނީ ދެއްވާފައެވެ.

ކެޔޮދޫ ސުކޫލަކީ ފާއިތުވެ ދިޔަ ގިނަ އަހަރުތަކުގައި 5 މާއްދާއިން ފާސްވާ ނިސްބަތް ސައްތައިން ސައްތަ ހޯދާފައިވާ ސުކޫލެކެވެ. އެ ސުކޫލުގެ ދަރިވަރުން ވަނީ ރާއްޖޭގެ ފެންވަރުގަޔާއި ދުނިޔޭގެ ފެންވަރުގައި ރަން ވަނަތަކެއް ހޯދާފައެވެ. އަދި މިއަހަރުވެސް ގްރޭޑް 10 އިން 5 މާއްދާއިން ފާސްވި އިން ސައްތަ ހުރީ 75 ޕަސެންޓު ގައެވެ.

ކެޔޮދޫ ސުކޫލުގައި ކީ ސްޓޭޖް 5 އުފެއްދުމަށް ރަށުގެ ވެރިންނާއި ބެލެނިވެރިންނާއި މުދައްރިސުން އަދި ދަރިވަރުން ކުރި ބުރަ މަސައްކަތް ޒައީމާ ހުސައިން ފާހަގަ ކުރެއްވިއެވެ. މި ކާމިޔާބު ހާސިލު ކުރުމަށް އަތޮޅު ކައުންސިލާއި ދާއިރާގެ މަޖިލިސް މެންބަރު އަދި އެޑިޔުކޭޝަން މިނިސްޓްރީއިން ފޯރުކޮށްދެއްވި އެހީތެރިކަން ޕްރިންސިޕަލް ވަނީ ޚާއްސަ ގޮތެއްގައި ފާހަގަ ކުރައްވައިފައެވެ.

ޒައީމާ ވިދާޅުވިގޮތުގައި ސުކޫލުގެ އަމާޒު މިހާރު ހިފާފައި ވަނީ ސާނަވީ ނަތީޖާ އިތުރަށް ރަނގަޅުކޮށް ކެޔޮދޫ ސުކޫލުން މަތީސާނަވީ ނިންމާ ދަރިވަރުންނަކީ ރަނގަޅު ކާމިޔާބީއެއް ޙާސިލު ކުރާނެ ދަރިވަރުން ތަކަކަށް ހެދުމަށެވެ.