ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 75 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއް ހަމަޖައްސައި ދިނުމަށް އެއްބަސްވެއްޖެއެވެ. މިކަމަށް އެއްބަސްވެފައިވަނީ އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނުން ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
މި އެއްބަސްވުމުގައި މި ދެ ފަރާތުން މިހާރުވަނީ ސޮއި ކުރައްވައިފައެވެ. މި އެއްބަސްވުމުގައި ސޮއި ކުރެއްވުން އޮތީ އުޒުބަކިސްތާނުގެ ވެރިރަށް ތަޝްކިންތުގައެވެ. މި އެއްބަސް ވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު މުހއްމަދު ރަޝާދެވެ. ފައިނޭންސް ކޯޕަރޭޝަންގެފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލިމެވެ. މިއީ އުޒުބަކިސްތާނުގައި މިހާރު ކުރިއަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދިޔަ މުހިންމު ކަމެކެވެ.
އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިންގެ ގޮތްޕެއް ކަމަށް ވެސް އެސްޓީއޯއިން ވިދާޅުވިވެ.
މި ފައިސާ ދޫކުރުމުން ކޮވިޑުގެ ސަބަބުން ހީނަރުވެފައިވާ ރާއްޖޭގެ އިގްތިސާދު ކޮޅަށް ނެގުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ.
އެސްޓީއޯއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޮޑު ކުންފުންޏެކެވެ. ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި ތެލާއި ބައެއް އެހެން ސާމާނުގެ ވިޔަފާރި މިކުންފުނީން ހިންގައެވެ. އެސްޓީއޯއިން މިހާރުވަނީ ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްފަހު އާމްދަނީ ނުވަތަ ފައިދާ އިތުރު ކުރުމުގެ މަސައްކަތް މެކުހަށް ޖަހައިފައެވެ.
އިސްލާމިކް ޓްރޭޑް ފައިނޭންސިންގ ކޯޕަރޭޝަނުން މީގެ ކުރިން ވެސް ވަނީ މިފަދަ ފެސިލިޓީ އެސްޓީއޯއަށް ހަމަޖައްސަވައިދެއްވައިފައެވެ.