ރާއްޖެއާއި އެމެރިކާއާ ދެމެދު މިދިޔަ އަހަރު ސޮއިކުރި ޑިފެންސް ފްރޭމްވަރކް އެގްރީމެންޓުގެ ސަބަބުން ދިފާޢީ ރޮނގުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެފައިވާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ދިވެހި ގައުމީ ދިފާއީ ބާރާއި އެމެރިކާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ އެކްސަރސައިޒް ލެންޓަރން މެޓަލް ސީރީޒްގެ ފުރަތަމަ ޓްރެއިނިންގ އެކްސަރސައިޒް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ލ.ކައްދޫގައި ހުންނަ އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކޮމާންޑުގައި ހުކުރު ދުވަހު ހަވީރުއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ މާރިޔާ ވިދާޅުވީ އެކްސަރސައިޒް ލެންޓަރން މެޓަލް އަކީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޒަމާނުއްސުރެ އޮންނަ ގާތް އަދި ވަރުގަދަ އަސްކަރީ ގުޅުމުގެ މައްޗަށް އޮތް ހެއްކެއް ކަމަށެވެ.

އެކްސަރސައިޒް ލެންޓަރން މެޓަލްގެ ދަށުން އެމެރިކާގެ އަސްކަރިއްޔާގެ 11 އޮފިސަރުންގެ ޓީމުންވަނީ އެމްއެންޑީއެފްގެ ޖުމްލަ 36 ސިފައިން ތަމްރީނުކޮށްދީފައެވެ.

މި ޖޮއިންޓް އެކްސަރސައިޒްގައި ދަސްކޮށްދިން މުހިންމު ހުނަރުތަކުގެ ތެރޭގައި ކޮމްބެޓް މާރކްސްމަންޝިޕް، ކައުންޓަރ-އައި.އީ.ޑީ އަދި މެރިޓައިމް އިންޓަރޑިކްޝަން އޮޕަރޭޝަންސް ހިމެނެއެވެ.

މީގެ އިތުރުން، މި އެކްސަރސައިޒްގައި ހިއުމަން ރައިޓްސްގެ ބައެއް ހިމަނާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ސާލިޙްގެ ސަރުކާރުން އިންސާނީ ޙައްގުތައް ރައްކާތެރިކުރުމަށް އަހައްމިއްޔަތުކަން ދެއްވާތީއާއި، ދިވެހި ގައުމީ ދިފާއީ ބާރު "ޑިމޮކްރަޓައިޒް" ކުރުމަށް މަސައްކަތްކުރަމުން ގެންދާތީ، ސިފައިންނަށް ހިއުމަން ރައިޓްސްގެ ރޮނގުން އިލްމާއި ހޭލުންތެރިކަން ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ، މިދިޔަ ބުރާސްފަތިދުވަހު، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލް އަށް ދިން ބޮމުގެ ހަމަލާތަކުގައި މިދުނިޔެ ދޫކުރި އެމެރިކާގެ ސިފައިންނާއި ޒަޚަމްވި ސިފައިންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.

މީގެ އިތުރުން 2004 ވަނަ އަހަރު އަފްޣާނިސްތާނުން ފާސްކުރި ގާނޫނު އަސާސީން އެގައުމުގެ އަންހެނުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި، ރައްކާތެރިކޮށްދީ، ފޯރުކޮށްދިނުމަށް، އެގައުމުން ފަށާފައިވާ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެކަމަށް އުންމީދުކުރައްވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.